މެދުކެނޑުމަކަށްފަހު އަނެއްކާވެސް މާލޭގައި ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.
ކޮވިޑްގެ ނަންބަރުތައް ވަރަށް ބޮޑަށް އިތުރުވެ، އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން މާލޭގައި ރެންޑަމް ސާމްޕަލް ނެގުން މެދުކަނޑާލިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ކޮވިޑްގެ ކޭސްތައް 1،000 އިން މައްޗަށް އެރުމުން ކޮންޓެކްޓް ޓްރޭސިންއަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ، އެ ދުވަސްވަރު އެންމެ ރަނގަޅަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނުކުރެވުނު ކަމަށާއި ނަމަވެސް އަމާޒަކީ 24 ގަޑިއިރު ތެރޭގައި އެންމެ މަދުވެގެންވެސް 80 އިންސައްތަ ކޮންޓެކްޓުން ދެނެގަނެވުން ކަމަށެވެ.
ކޮވިޑްގެ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައިވާއިރު މާލޭ ސަރަހައްދުގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށާއި ކޮންޓެކްޓް ޓްރޭސިން އިތުރަށް ހަރުދަނާ ކުރުމަށް އެކްޓިވް ސަވައިލަންސްގެ ތެރެއިން ސާމްޕަލް ނަގަން ފަށާފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އެކްޓިވް ސަވައިލަންސްގެ ގޮތުގައި ވަކި ޓާގެޓެއް ކަނޑައަޅައިގެން އެ މަސައްކަތް ކުރަމުން. އެގޮތުން އެންމެ މަދުވެގެންވެސް ދުވާލަކަށް 300 ސާމްޕަލް ނެގުން އެއީ އަމާޒެއް،" ޑރ. ޝަހީދު ވިދާޅުވި އެވެ.
މާލޭގައި ރެންޑަމް ސާމްޕަލް ނެގުން އަލުން ފަށާފައިވާއިރު، މީގެ ކުރިން ރެންޑަމް ސާމްޕަލިންއަށް އެހާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލި ހިސާބުން ސާމްޕަލް ނަގާ ސެންޓަރުތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެގެން ދިޔަ އެވެ. އެއާއެކު ސަރުކާރުން މިހާރު ވަނީ މާލޭ ސަރަހައްދުގައި ސާމްޕަލް ސެންޓަރުތައް އިތުރުކޮށް އެ މައްސަލައަށް ހައްލެއް ގެނެސްދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު