ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ކޮވިޑްގެ އެކްޓިވް 75 ކޭސް އަދި މާލޭ ޖަލުގައި ކޮވިޑްގެ އެކްޓިވް 111 ކޭސް އެބައުޅޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.
އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ޖަލުތަކުގައި ކޮވިޑްގެ ހާލަތު ގޯސް ކަމަށާއި އެގޮތުން އައްސޭރި ޖަލުގައި ކޮވިޑަށް ޕޮޒިޓިވް 75 މީހުން ތިބި އިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ޖަލުގައި ކޮވިޑަށް ޕޮޒިޓިވް 111 މީހަކު އެބަ ތިބި ކަމަށެވެ.
އައްސޭރި ޖަލުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 15 ޖަލު އޮފިސަރަކުވެސް ހިމެނެއެވެ. އަދި މާލޭ ޖަލުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަށް ޖަލު އޮފިސަރަކު ހިމެނެ އެވެ.
"ހުޅުމާލޭ ޖަލުގައި ޕޮޒިޓިވް ކޭސް އެއް ނެތް. ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ކޮވިޑް ކޭސްއެއް ނެތް. އައްސޭރި ޖަލުގައި 75 ކޭސް، މާލޭ ޖަލުގައި 111 ކޭސް، މާފުށީ ޖަލުގައި ކޭސްއެއް ނެތް،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ، މާލޭ ޖަލުގައި ތިބި ކޮވިޑަށް ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުންގެ އަދަދު 125 އަށް އަރާ ކަމަށާއި އެ އެންމެންވެސް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ހާލަތު ގާތުން މޮނީޓާކުރަމުން އަންނަ ކަމަށާއި އެ ތަންތަނުގައި މެޑިކަލް ޔުނިޓުތަކުގައިވެސް އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތެރީން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު