ކޮންމެ ކުއްޖަކު ވެސް އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި އެކުއްޖާ ރަޖިސްޓްރީ ކުރަން ހުށަނާޅާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ހިމަނައި، އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ މި ބިލަކީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ބިލެކެވެ.
ބިލުގައި ބުނެފައިވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީ ކުރުމާގުޅޭ އުސޫލުތަކާއި، ރާއްޖޭގައި އުފަންވާ ކުދިންނަށް އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިދިނުމާ ގުޅޭ އުސޫލުތަކާއި، ރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓްރީ ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމަށްޓަކައި ގާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށެވެ.
މި ބިލުގައި ބުނެފައިވަނީ އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ރާއްޖޭން ބޭރުގައި ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމަކާއެކު، ރާއްޖެއަށް އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންވާނެ ކަމަށް ވެސް ބިލުގައިވެއެވެ.
ރާއްޖޭން ބޭރުގައި އުފަންވާ ކުއްޖަކީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވާ ކުއްޖެއްނަމަ، އެ ކުއްޖާ އުފަންވި ގައުމުގައި އުފަންވުން ރަޖިސްޓްރީ ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާ ބެހޭގޮތުން ބިލުގައި ބުނެފައިވަނީ، ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުފަންވާ ކުދިން، އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އުފަން ދުވަހުގެ ސެޓްފިކެޓު ހައްދަން ރަށް ނޫނީ ސިޓީ ކައުންސިލަކަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އެ މުއްދަތުތަކުގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ކުރުމުގެ އިތުރުން އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
އެ ބިލުގައިވާ ގޮތުން، އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފްތަރެއް ވެސް ރަށް ނޫނީ ސިޓީ ކައުންސިލުން ބަލަހައްޓަން ޖެހެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ފޫޅުމާ ފޯމަކަށް، އުފަންދުވަހުގެ ސެޓްފިކެޓަކަށް މަރު ފޯމަކަށް ނުވަތަ އައިޑީކާޑަކަށް ސައްހަ ނޫން ބަދަލު ގެނައުމާއި، ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ އިތުރުން ގަސްދުގައި ގެއްލުން ދިނުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
އަދި އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބެއްގެ ގޮތުގައި 10،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު