ފަލަސްތީނުގެ ގާޒާއަށް އިސްރާއީލުން މެދުކެނޑުމެއް ނެތި 11 ދުވަސްވަންދެން ދެމުންގެންދިޔަ ހަމަލާތަކުގައި އެތަކެއް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނޭ 39 އަންހެނުންގެ ތެރެއިން ގިނަ މީހުންނަކީ މައިންނަށް ވީއިރު ބައެއް މީހުން ދިޔައީ ބަނޑުގައިއޮތް ދަރިފުޅަށް އިންތިޒާރުކުރަމުންނެވެ.
މިދިޔަ މަހުގެ 11 އިން 20 ދުވަހާއި ހަމައަށް ދެމުންގެންދިޔަ ހަމަލާތަކުގައި 254 މީހުން ޝަހީދު ކޮށްލާފައިވާއިރު 39 އަންހެނުން އަދި 66 ކުޑަކުދިން ހިމެނެއެވެ. އަދި 1948 މީހުންނަށް އެކި ވަރުގެ ޒަހަމުތައް ވަނީ ލިބިގެން ގޮސްފައެވެ. މި ލިޔުމުގައި މިބަލާލަނީ ޝަހީދުވެގެން ދިޔަ 39 އަންހެނުންގެ މައްޗަށެވެ. މިއެންމެން ދިޔައީ މުސްތަގުބަލަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ.
ބަޔޮލޮޖީ ގްރެޖުއެޓެއް ކަމަށްވާ 40 އަހަރުގެ ލަޔާލީ އަބު އަލް-ހައިރު އަކީ 7 ކުދިންގެ މަންމައެކެވެ. އިސްރާއީލުގެ ހަމަލާތަކުގައި ލަޔާލީ އާއި އޭނާގެ ފިރިމީހާގެ އިތުރުން ތިން ދަރިން ވަނީ 11 މެއި 2021 ވަނަ ދުވަހު ދުނިޔެ ދޫކޮށްފަ އެވެ.
އާމިރާ އާއި އޭނާގެ ނުކުޅެދޭ ދަރިފުޅު އަބްދުއްރަހްމާން ވަނީ އިސްރާއީލުން މެއި 11 ވަނަ ދުވަހު ދިން ހަމަލާތަކުގައި ޝަހީދުވެފަ އެވެ.
ގާޒާގެ ދައިރު އަލް-ބަރާ ގައި އާއިލާއިން ބަލަހައްޓަމުން ގެންދާ ދަނޑުގައި ހުއްޓާ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މަނާރު ވަނީ ޝަހީދުވެފަ އެވެ.
އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ގްރެޖުއޭޓުވެފައިވާ ރީމް އިނީ ބަލިވެ އެވެ. އޭނާގެ ބަނޑަށް ހަތް މަހެވެ. ލިބެން އުޅޭ ދަރިފުޅުގެ އިންތިޒާރުގައި އިން ރީމް ދުނިޔެއިން ވަކިވެގެން ދާން ޖެހުނީ ދަރިފުޅު ދުށުމުގެ ނަސީބު ނުލިބި، މެއި މަހުގެ 12 ވަނަ ދުވަހު ދިން ވައިގެ ހަމަލާތަކުގަ އެވެ. ދެކުދިންނާއި އުފަންނުވާ ދަރިފުޅާއެކު ރީމް އެވަނީ މިދުނިޔެއަށް އަބަދުގެ އަބަދަށް އަލްވަދާއު ކިޔާފަ އެވެ.
މިޔާމީ އަރަފާ ވަނީ މެއި މަހުގެ 12 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާގައި ދުނިޔެ ދޫކޮށްފައެވެ. ހަތަރު ކުދިންގެ މަންމައެއް ކަމަށްވާ މިޔާމީ ޝަހީދުވެފައިވާއިރު އޭނާ ދިޔައީ ދަރިންގެ ކައިވެނީގެ އުފަލުގައި ބައިވެރިވެވޭނެކަމުގެ ހުވަފެންތައް ދެކެމުންނެވެ.
ހަދީލް އަރަފާ ދިޔައީ ފިތުރު އީދުގެ ދެހަފުތާ ފަހުން ކުރުމަށް ރޭވިފައިވާ އޭނާގެ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެ ނަސީބު ދުނިޔެއިން ނުލިބި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ހަދީލް މިވަނީ ދުނިޔެއިން ވަކިވެފަ އެވެ.
މައިސޫން އާއި އޭނާގެ ފިރިމީހާ ދަތުރުކުރަމުންދިޔަ ކާރަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ ފިރިމީހާ އާއެކު ޝަހީދުވެފަ އެވެ.
ތަނާނީ އޭނާގެ ފިރިމީހާ އަދި ހަތަރު ދަރިންނާއެކު ޝަހީދުވެގެން ދިޔައިރު އޭނާ ދިޔައީ ބަނޑުގައި އޮތް ދަރިފުޅާއެކު މުސްތަގްބަލު އުޖާލާކުރުމަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އާއިލާއިން ގެޔެއް ގަތުމުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، މިއާއިލާ ދުނިޔެއާއި އަލްވަދާއު ކިޔާފައިވަނީ ހަމަލާތަކުގައި މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ވަލާ އަކީވެސް ލިބެން އުޅޭ ދަރިފުޅުގެ އިންތިޒާރުގައި އިން އަންހެނެކެވެ. އުފަންނުވާ ދަރިފުޅަށް މަރިޔަމްގެ ނަމުން ނަން ދީ، އޭނާ ދިޔައީ ދަރިފުޅު ދުށުމުގެ ފޮނި އިންތިޒާރުކުރަމުންނެވެ. ނަމަވެސް 13 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާގައި، އެ ނަސީބު ނުލިބި، ވަލާ އަދި އުފަންނުވާ މަރިޔަމް އެވަނީ ޝަހީދުވެފައެވެ.
ވަލާގެ ކޮއްކޮ ވަރުދާ އަކީ ކިޔެވުމަށް މޮޅު، ޔުނިވާސިޓީން ކޮމާސްގެ ދާއިރާއިން ތައުލީމު ހާސިލުކުރި ކުއްޖެކެވެ. 13 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ވަރުދާ ޝަހީދުކޮށްލާފައިވާއިރު އޭނާ ދިޔައީ އާއިލާއަށް އެހީތެރިވުމަށް ވަޒީފާ އަދާކުރުމުގެ ހުވަފެންތައް ދެކެމުންނެވެ.
ވަލާ އަދި ވަރުދާގެ ކޮއްކޮ ހަދީލް އަކީ ނަރުހަކަށްވުމަށް ތައުލީމު ހާސިލްކުރަމުންދިޔަ ދަރިވަރެކެވެ. އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގައި ހަދީލް ދުނިޔެ ދޫކޮށް ދާންޖެހުމުގެ ދެ ހަފުތާކުރިން އޭނާ ވަނީ ސުކޫލުން ކިޔެވުމަށް ބޭނުންވާ ހުދު ކޯޓާއި، ލޭގެ ޕުރެޝަރު ބަލާ މޮނިޓަރާއި ސްޓެތޮސްކޯޕު ގަތުމަށް އޭނާގެ ރަން ކަންފަތުލާ އެއްޗެތި ވިއްކާލާފަ އެވެ.
އިސްރާއީލުގެ ހަމަލާތަކުގައި 13 ވަނަ ދުވަހު ހުލޫދު މިދުނިޔެއަށް އަލްވާދު ކިޔާފައިވާއިރު އޭނާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. ނަމަވެސް އޭނާގެ ދަރިފުޅާއި ބަނޑުގައި އޮތް ދަރިފުޅާއެކު މިފަނާކުރުވަނިވި ދުނިޔެއާއި އެވަނީ ވަކިވެގެން ގޮސްފަ އެވެ.
ފިރިމީހާ އަބްދުއްރަހްމާން އާއެކު މިދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާއު ކިޔާފައިވާ ހާލިމާ ޝަހީދުވެފައިވަނީ 13 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގަ އެވެ.
ދެ އަހަރުގެ މާމަ ދަރިފުޅާއި، ފިރިހެން ދަރިފުޅާއި ދަރިފުޅުގެ އަންހެނުން، ދުނިޔެއިން ވަކިވެގެން ގޮސްފައިވަނީ އާއްމުން އުޅޭ ސަރަހައްދަށް އިސްރާއީލުން 13 ވަނަ ދުވަހު ދިން ހަމަލާތަކުގައެވެ.
ޝައިމާ އާއި އޭނާގެ ދެ އަހަރުގެ ދަރިފުޅާއި ފިރިމީހާ އަދި މައިދައިތަ ސިހާމް އާއެކު އިސްރާއީލުން ދިން ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ.
މަނާރު ވަނީ އޭނާގެ ދަރިފުޅު ލީނާ އާއެކު އިސްރާއީލުން 13 ވަނަ ދުވަހު ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައެވެ.
ނުކުޅެދޭ މަންމަ ބެލެހެއްޓުމަށްޓަކައި އުއްމު ނަސްރުގެ އަވަށުގައި ހުރި ނިމާ ވަނީ އެސަރަހައްދަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ޝަހީދުވެފައެވެ.
5 ކުދިންގެ މަންމައެއް ކަމަށްވާ ސަބްރީން ވަނީ 10 މަހުގެ ދަރިފުޅާއި ދެ ކޮއްކޮއާއެކު އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައެވެ.
ތިން ކުދިންގެ މަންމަ ދިރިއުޅެމުން ގެންދިޔައީ ވަރަށް ދަތި ހާލުގައެވެ. ނިސްރީން ދިޔައީ ޔޫރަޕުގައި ވަޒީފާ އަދާކުރުމަށް މީގެ 3 އަހަރު ކުރިން ހިޖުރަކޮށްފައިވާ ފިރިމީހާއާއި ބައްދަލުވުމަށް އިންތިޒާރުކުރަމުންނެވެ.
ތިން ކުދިންގެ މަންމައެއް ކަމަށްވާ ލާމިޔާ ވަނީ އިސްރާއީލުން 14 ވަނަ ދުވަހު ދިން ހަމަލާތަކުގައި އޭނާގެ ދެދަރިންނާއެކު މިދުނިޔެއާއި އަބަދުގެ އަބަދަށް ވަކިވެގެން ގޮސްފައެވެ.
14 ވަނަ ދުވަހު ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ 3 ކުދިންގެ މަންމަ އަދި 6 ކުދިންގެ މާމައެއް ކަމަށްވާ ފާއިޒާ ދިޔައީ ދުނިޔެއަށް އަންނަން އުޅޭ 7 ވަނަ މާމަ ދަރިފުޅު ދުށުމުގެ އިންތިޒާރު ކުރަމުންނެވެ.
ޕްރައިމަރީ ސުކޫލު ޓީޗިންގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ޔާސްމީން ވަނީ 4 ދަރިން ބެލެހެއްޓުމަށް ހުރިހާ ވަގުތެއް ހުސްކޮށްފައެވެ. ނަމަވެސް 14 ވަނަ ދުވަހު ދިން ހަމަލާތަކުގައި 4 ދަރިންނާއެކު ޔާސްމީން އެވަނީ ޝަހީދުވެގެން ގޮސްފަ އެވެ.
14 ވަނަ ދުވަހު އަމާޒުކުރި ހަމަލާތަކުގައި މަހާ ވެސް ވަނީ އޭނާގެ 4 ކުދިންނާއެކު މިދުނިޔެއާއި ވަކިވެގެން ގޮސްފަ އެވެ.
މެއި 16 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ފަސް ކުދިންގެ މަންމައެއް ކަމަށްވާ އަބީރު ވަނީ 4 ކުދިންނާއެކު ޝަހީދުކޮށްލާފައެވެ.
16 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި އެއާއިލާއަށް ނިސްބަތްވާ މިމެމްބަރުންވަނީ ޝަހީދުވެފައެވެ.
މާޖިދާ އަބޫ އަލްއައުފު، 78އ: މަހްދިއްޔާ އަބުއަލްއައުފު އަކީ 13 ކުދިންގެ މާމަ އެކެވެ.
ސޯބިޔާ އަބޫ އަލްއައުފު، 72އ: ސޯބިއާގެ ސިއްހީ ހާލަތުގެ ސަބަބުން މީގެ 11 އަހަރުކުރިން ވަނީ ލޮލުގެ ފެނުން ގެއްލިފައެވެ.
ރަޖާ އަބޫ އަލްއައުފު، 41އ: ރަޖާ އަކީ ގާޒާގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަރުމައަށް މަސައްކަތްކުރަމުން އައި މީހެކެވެ. އިސްލާމީ ޔުނިވާސިޓީ ގައި ސޯޝިއޮލޮޖީން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ރަޖާ ވަނީ އޭނާގެ 4 ކުދިންނާއެކު ޝަހީދުވެފައެވެ.
ރީމް އަހްމަދު އަބޫ އަލްއައުފު 40އ: 4 ކުދިންގެ މަންމަ ރީމް ވަނީ އޭނާގެ ފިރިމީހާ އަދި 3 ކުދިންނާއެކު ހަމަލާތަކުގައި ޝަހީދުވެފައެވެ.
ޝައިމާ އަބޫއަލްއައުފު، 21އ: ކީިރިތި ގުރުއާން ކިޔެވުމަށް މޮޅު ޝައިމާއަކީ ޑެންޓިސްޓަކަށް ވުމަށް ފެކަލްޓީގައި ކިޔަވަމުން އައި ދަރިވަރެކެވެ. އޭނާ ޝަހީދުވެފައިވަނީ ޖޫންމަހު ކައިވެނިކުރުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ.
ރަވާން އަލާ އަބުއަލްއައުފު، 18އ: ޝަހީދުކޮށްލާފައިވާ ރަވާން އަކީ ކޮމްޕިއުޓާ އެންޖިނިއަރިން ދާއިރާއިން ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުން އައި ދަރިވަރެކެވެ.
16 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި އެއާއިލާއަށް ނިސްބަތްވާ މި މެމްބަރުންވަނީ ޝަހީދުވެފައެވެ.
ސާދިޔާ ޔޫސުފް އަލް-ކުލާކު، 84އ: ސާދިޔާ އަދި އަންހެން ދަރިފުޅު ވަނީ ހަމަލާތަކުގައި ޝަހީދުވެފައެވެ.
ބަހާ އާމިލް އަލް-ކުލާކު، 49އ: މުސްކުޅި މައިންބަފައިން ބަލަހައްޓަމުން ދިޔަ ބަހާ ވަނީ އޭނާގެ މަންމައާއިއެކު ޝަހީދުވެފައެވެ.
ރިހާމް ފަވާޒު އަލް-ކުލާކު، 33އ: ސްޕެނިޝް ފުޓުބޯޅަ ލީގަށް ލޯބިކުރާ ރިހާމް ދިޔައީ އެގައުމުގެ ޓެލެކޮމިއުނިކޭޝަން ކުންފުނީގައި އިންޖިނިއަރެއްގެ ވަޒީފާ އަދާކުރަމުންނެވެ.
އާޔަތު އިބްރާހިމް އަލް-ކުލާކު، 19އ: އާޔަތުއާއި ފިރިމީހާ އަދި 6 މަހުގެ ފިރިހެން ދަރިފުޅު ވަނީ ހަމަލާތަކުގައި ޝަހީދުވެގެން ގޮސްފައެވެ.
އަމަލް ޖާމިލް ''އައްތާތަރު'' އަލް-ކުލާކު، 42އ: ތިން ދަރިންނާއެކު އަމަލް ވަނީ ހަމަލާތަކުގައި ޝަހީދުވެފައެވެ.
މެއި 19 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި އަމާނީ އާއި އޭނާގެ ފިރިމީހާ އަދި ދަރިފުޅާއިއެކު ޝަހީދުވެފައިވާއިރު އޭނާ އިނީ އިތުރު ކުއްޖަކަށް 8 މަހަށް ބަލިވެއެވެ.
ފިދާއާ ޝަހީދުވެފައިވާއިރު އޭނާ އަކީ 2 ފިރިހެން ކުދިންނާއި 3 އަންހެން ކުދިންގެ މަންމައެކެވެ.
ހާން ޔޫނިސްގައި ހުރި ހުދާގެ ގެއަށް އެރި ބޮމުގެ ހަމަލާގައި ހުދާ ވަނީ ޝަހީދުވެފައެވެ. އަދި ހުދާގެ ފިރިމީހާ އާއި ދަރިންނަށް ވަނީ އެކިވަރުގެ ޒަހަމުތައް ލިބިގެން ގޮސްފައެވެ.
ފަލަސްތީނު އިސްރާއީލު މައްސަލައަކީ ދާއިމީ ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ. އިސްރާއީލުން ހިސާރުކޮށްފައިވާ ގާޒާގައި މުސްލިމުން އެމީހުންގެ ގެތަކުން ނެރި ވެރިވެގަންނަމުން އަންނައިރު، އެއަނިޔާވެރިކަމަށް ނިމުމެއް ނެތެވެ. ހަނގުރާމަ ދިނުން މެދުކެނޑިފައިވީނަމަވެސް، އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ގޯނާއާއި ބޭއިންސާފުން ބާރުގެ ބޭނުންކޮށް ކުރާ ދުއްތުރާތައް އަދިވެސް ދަނީ ކުރިއަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ