މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގައި ގދ. ތިނަދޫން ފުލުހުން ހައްޔަރުކޮށް، އެ ދެމީހުން ބަނދުގައި ބޭތިއްބުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ދެމީހުން ބަންދުން ދޫކޮށްލުމަށް އަމުރު ކުރި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ގދ. ތިނަދޫ، މިއްރީހުގެ ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ މައްސަލައެކެވެ.
އެ މައްސަލައިގައި އެގޭގައި އުޅޭ ހަސަން ރަޝީދާއި ހުސައިން ރަޝީދާ ދެމީހުން ވެގެން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ރައްކާކޮށް އެތަކެތި ބަންދުކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރިއެވެ.
ފުލުހުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވަނީ ގދ. ތިނަދޫ އެގޭގައި މަސްތުވާތަކެތި ބަންދުކޮށް އޭގެން ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭތީ، މިއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށްވާތީ އެ ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިދިނުމަށް އަމުރު ކޮށްދިނުމަށެވެ.
ނަމަވެސް އެ މައްސަލައިގައި ކޯޓުން އަމުރު ކޮށްފައި ވަނީ އެ ދެމީހުން ބަންދުން ދޫކޮށްލުމަށެވެ.
އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި ހައިކޯޓުން ކުރި އަމުރުގައި ވަނީ، އެ ދެމީހުން ދޫކޮށްލުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ނެރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބަލަންޖެހޭ ކަންތައްތަކެއް ނުބެލި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން އެ ދެމީހުން ދޫކޮށްލުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އެ ދެމީހުން ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން މި ބާތިލުކޮށް، ހަސަން ރަޝީދާއި ހުސައިން ރަޝީދު ބަންދުގައި ބެހެއްޓުމަށް އެދި މޯލްޑިވަސް ޕޮލިސް ސާވިސްގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލައިގައި ހައިކޯޓުން ނެރެފައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގާނޫނީ އުސޫލުތަކުގެ އަލީގައި، އެ މައްސަލަ ބެލުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މި ދެ މައްސަލަ ފޮނުވުމަށް ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު