ހުޅުމާލޭ ދެވަނަ ފިޔަވައްސާ ގުޅިފައިވާ ފަރުކޮޅުފުށި، ޕިކްނިކް އައިލެންޑަކަށް ހެދުމަކީ މާލޭ ސިޓީ ކައުންސިލަށް ފެންނަ ގޮތް ކަމަށާއި ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސީޓީ ކައުންސިލްގެ ބައްދަލުވުމެއްގައި ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާ ރަށަކަށް ފަރުކޮޅުފުށި ހެދުމަށް މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ފަރުކޮޅުފުށި، ޕިކްނިކް އައިލެންޑަކަށް ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު އެކަމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް ސިފައެއްގައި ސަރުކާރާ އެކުގައި ކޮށްފައި ނުވާ ކަމަށެވެ.

މޭޔަރު މުއިއްޒު "ވަން" އަށް މިއަދު ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، ފަރުކޮޅުފުށި، ޕިކްނިކް އައިލެންޑަކަށް ހެދުމަކީ ކައުންސިލަށް ފެންނަ ގޮތް ކަމަށާއި އެކަމާ މެދު ސަރުކާރާވެސް އަދި އެޗްޑީސީއާވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެގޮތުން އެކަމުގެ މަޝްވަރާތައް ކުރުމަށް އެޗްޑީސީއަށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

"އެއީ އަދި ކައުންސިލްގެ ނިންމުމެއް، އަޅުގަނޑުމެން މިކަމުގައި އެޗްޑީސީއާވެސް ސަރުކާރާވެސް މަޝްވަރާ ކުރާނަން. ގޮތް ނިންމާނީ އެޗްޑީސީއިން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ހުޅުމާލެއަކީ އެޗްޑީސީއަށް ރަޖިސްޓްރީކޮށްދީފައި އޮތް ރަށެއް ނަމަވެސް ހުޅުމާލެވެސް އަދި ފަރުކޮޅުފުށިވެސް ހިމެނެނީ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ކަމަށެވެ. އަދި މިހާތަނަށްވެސް ފަރުކޮޅުފުށި އޮތީ ފަޅުރަށެއްގެ ގޮތުގައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.