ކުޅިވަރު އާއިލާ ރޮއްވާލައިފިއެވެ. ހިތްހެޔޮ ކަމާއި އެކުވެރިކަމުގެ ނަމޫނާއެކެވެ. ވަކި ކުޅިވަރެއް ނުބަލައި ހިދުމަތް ކުރި ހިދުމަތްތެރިއެކެވެ. ދަރުމަވެރިކަމުގެ މަސައްކަތުގެ އިސް މުޝީރެކެވެ. މާދިހު އިސްމާއިލްގެ ކުއްލި ވަކިވުމާއެކު ދެކެވެނީ ނުހަނު ގިނަ އަގުހުރި ހިދުމަތްތަކެއްގެ ވާހަކަ އެވެ. ނުހަނު ގިނަ ހަނދާންތަކެއްގެ ވާހަކަތަކެވެ. މުޅިންވެސް މާދިހުގެ އެކުވެރިކަމާއި މިޒާޖުގެ ހެޔޮކަމުގެ ވާހަކައެކެވެ. ހިތްތިރިކަމާ ހުލްގު ހެޔޮ ކަމުގެ ވާހަކައެކެވެ. މިއަދު އެއީ އެކުގައި އުޅުނު އެތައް ބަޔަކު އަސަރާއެކު ދައްކާ ވާހަކައެކެވެ.

"މާދިހަކީ ކްލަބާ ވަރަށް ގާތްކަން އޮންނަ ފަރާތެއް. ބުނާ ހުރިހާ ކަމެއްގައިވެސް އެހީތެރިވެދޭނެ. މިއަހަރު ކްލަބުގައި ރަސްމީކޮށް ފިޒިއޯއެއްގެ ގޮތުގައި މަސައްކަތް ކުރީ. ވަރަށް ވަރަށް ގާތް ގުޅުމެއް އޮންނާނެ ހުރިހާ ކުޅުންތެރިންނާވެސް، މިއީ ކްލަބަށްވެސް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް، އެފަދަ ހިދުމަތްތެރިޔަކު ވަކިވުމަކީ ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. އަހަރުގެ ކުރީކޮޅު ގުޅިގެން ފުރިހަމައަށް މަސައްކަތް ކުރަމުން ދިޔައީ. ވަކި ކުޅުންތެރިއަކަށް ނޯންނާނެ ވަކި ގޮތެއް. ކޮންމެ ކުޅުންތެރިޔަކަށް ދޭން ޖެހޭ ޓްރީޓްމަންޓްތައް ވަގުތު ހޯދައިގެން ދޭނެ. ކުރާ ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރަށް ކުރާނެ. މެނޭޖުމަންޓާ ކުޅުންތެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވައިގެން މާދިހު މަސައްކަތް ކުރީ،" މާދިހުގެ ހިދުމަތާއި އޭނާގެ މިޒާޖު، މާދިހު މަސައްކަތް ކުރަމުންދިޔަ މާޒިޔާ ސްޕޯޓްސް ކްލަބުގެ ފަރާތުން "ވަން" އާ ހިއްސާ ކުރީ މީޑިއާ އޮފިސަރު ޝިފާން ރައޫފެވެ.

މާދިހަކީ ކުޅިވަރުގެ ނަމޫނާ ޝަހުސިއްޔަތެކެވެ. ކުޅިވަރު ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް މިފަހުންވެސް މާދިހު ކޮށްފައިވާ އިރު، އޭނާ 2012 ވަނަ އަހަރުން ފެށިގެން ހުރީ ގިޔާސުއްދީންގެ ސްޕޯޓްސް ކޯޑިނޭޓަރުގެ މަގާމުގައެވެ. މާދިހުގެ އެހީތެރިކަން ކުލަބްތަކާއި ގައުމީ ޓީމުތަކާއި ރެކްރިއޭޝަނަލް ކުޅިވަރުތަކުގައިވެސް ވަނީ ލިބިފައެވެ. ސްވިމިން، ކްރިކެޓް، ފުޓްބޯޅަ، ބާސްކެޓް އަދި އެތުލެޓިކްސް ފަދަ ކުޅިވަރުތަކުގައި މާދިހު ވަނީ އަމިއްލަ ހައިސިއްޔަތުންވެސް ގިނަ ގޮތްގޮތުން ހިދުމަތްތަކެއް ކޮށްދީފައެވެ.

މާދިހު ކްރިކެޓް ބޯޑުގެ ވައިސް ޗެއާމަންކަން 2016 އިން 2020 އަށް ފުރިއެވެ. އެފްއޭއެމްގެ އެކްސްކޯގައި 2008 އިން 2012 އަށް ހިދުމަތް ކުރިއެވެ. މާދިހަކީ ބައިކް މޯލްޑިވްސްގެ ކޯ ފައުންޑަރެއްގެ އިތުރުން އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެވެ. މުޅި ކުޅިވަރު އިންޑަސްޓްރީގައި މާދިހުގެ ނަން އެބަ އޮތެވެ. އެފަދަ ދެވަނައެއް ނެރެން އުނދަގޫވާނެކަން ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދު އަސަރާއެކު ދޫކޮށްލެއްވި ލިޔުންކޮޅުންވެސް ސާފެވެ.

"އެކި ކުޅިވަރުތަކަށް ހާއްސަ ވަރަށް ގިނަ މީހުން ފެނޭ. ނަން ބުނުމުން އެއީ މިވެނި ކުޅިވަރެއްގެ މީހެކޭ ބުނަން އެނގޭ ވަރަށް ބައިވަރު މީހުން އުޅޭ. އެމީހަކު އެކުޅިވަރަކަށް ދޭ ހިދުމަތާއި، އެކަމުގައި ހޭދަކުރާ މިންވަރުން އެކަން ބުނެލަން ނުހަނު ފަސޭހަ. ނަމަވެސް، މާދިހު އިސްމާއީލޭ ބުނީމަ އެއީ ހަމައެކަނި އެތުލެޓިކްސް މީހެކޭ، ފުޓުބޯޅަ މީހެކޭ، ކްރިކެޓް މީހެކޭ، ސްވިމިން މީހެކޭ، ބާސްކެޓް މީހެކޭ، ވޮލީ މީހެކޭ، ނެޓްބޯޅަ މީހެކޭ، ނޫނީ މަންޑި ނުވަތަ ބައިބަލާގެ ކަންކަމުގައި އުޅޭނެ މީހެކޭ ބުނެލަން ހަމަހިލާ އެކަކަށްވެސް ފަސޭހައެއް ނުވާނެ. މިތާ އާންމުކޮށް މިކުޅޭ ހުރިހާ ކުޅިވަރަކަށްވެސް އޭނާގެ އެހީ އޮންނާނީ ލިބިފައިކަން ޔަގީންކޮށް ބުނަން ކެރިދާނެ. އޭނާއަކީ އެތައް ދަރިވަރުންނެއްގެ މާދިހު ސަރ!،" ހުސައިންގެ ލިޔުންކޮޅުގައި ވެއެވެ.

ހުސައިންގެ އެންމެ މުހިއްމު ވާހަކައަކަށް ފާހަގަކުރެއްވީ މާދިހަކީ ދަރުމަވެރިންގެ ޗެމްޕިއަނެއް ކަމެވެ. މާދިހުގެ ބަދަލުގައި ކުޅިވަރުގެ ދަނޑުތަކަށް، މާދިހުގެ ޖާގައަށް ނެރޭނެ އިތުރު މީހަކު އަދި ފެންނަން ނެތް ކަމުގެ ވާހައެވެ. އެއީ މާދިހުގެ ހިދުމަތް ސަރީހަކޮށް ބުނެދެވޭނެ އެންމެ އަގުހުރި އިބާރާތެވެ. "އިރްރިޕްލޭސެބަލް" މި ބަހެވެ.

"އޭނާއަކީ އެތައް ބަޔަކު އޭނާގެ މައްޗަށް ކަންކަމުގައި ބަރޯސާވި މަދަދުވެރިއެއް. ކުޅިވަރުގައި ދެބަސް ވެވޭ ކަންކަމުގައިވެސް ދެބަސް ވެވޭ މީހުންނާ އެއް މޭޒަކަށް އަރައި، އެކަމެއް ކުރުމަށް އިސްކަން ދިން ކުޅިވަރަށް އިހުލާސްތެރި ހިދުމަތްތެރިއެއް. ތިމާގެ އަމިއްލަ ކަންކަމުގެ ކުރިން އަބަދުވެސް އަނެކާ އެދޭ ކަންކަމަށް އިސްކަން ދިން. ދަރުމަވެރިންގެ ޗެމްޕިއަނެއް. ރާއްޖޭގެ ކުޅިވަރުގެ ދަނޑުތަކަށް ތިޔަ ޖާގައަށް ބަދަލުގައި އަރުވާނެ މީހަކު އަދި ފެންނާކަށް ނެތް،" ހުސައިން ފާހަގަކުރައްވާފައިވެއެވެ.

މާދިހު ހިދުމަތްތަކުގެ ސީވީން އެކަން ސާފެވެ. އެފަދަ އިހުލާސްތެރި ހިތެއް ކުޅިވަރުގައި މަދެވެ. މާދިހުގެ ހަނދާންތައް ކުޅިވަރުން ނެތިގެން ނުދާނެއެވެ. މާދިހުގެ ހިދުމަތްތައް ރަނުން ފެވޭނެއެވެ. މާދިހުގެ ފުރާނައަށް މާތް ﷲ ސުވަރުގެ މިންވަރު ކުރައްވާށި، އާމީން!