ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންގެ ހަށިކޮޅަށް އަތް އިސްކޮށް އެމަނިކުފާނުގެ މޫނުފުޅުގައި ޖައްސަވައި ހަމަލާ ދޭން މަސައްކަތްކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ އެގައުމުގެ ޑްރޯމް ސަރަހައްދަށް ކުރެއްވި ދަތުރުފުޅުގައި މެކްރޮން އާއްމުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ. ހާދިސާ ހިނގުމުން ވަގުތުން މެކްރޮންގެ ސެކިއުރިޓީ ޓީމު ވަނީ ހަރަކާތްތެރިވެ ރައީސް މެކްރޮން އެ ސަރަހައްދުން ދުރުކުރައްވައިފައެވެ.

އެ ހާދިސާއާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތައް ކަމަށްވާ ބީއެފްއެމް ޓީވީ އަދި އާރްއެމްސީ ރޭޑިއޯއިން ވަނީ ރިޕޯޓުކޮށްފައެވެ.

ފްރާންސްގެ ބޮޑުވަޒީރު ޖޮން ކަސްޓިކްސް ވަނީ އެއީ ޑިމޮކްރަސީއަށް ހުތުރު އަމަލެއް ކަމަށް ވިދާޅުވެ، އެ އަމަލު ކުށްވެރިކުރައްވައިފައެވެ.

އެ ހާދިސާ ހިނގި ވަގުތު ރައީސް މެކްރޮން ދިޔައީ ޑްރޯމް ސަރަހައްދުގައި ދިރިއުޅޭ ރެސްޓޯރަންޓު ވިޔަފާރި ކުރާ ފަރާތްތަކާއި ދަރިވަރުން ކޮވިޑުގެ ހާލަތަށްފަހު ދިރިއުޅުން އަލުން އާރާސްތުކުރުމާ ގުޅޭގޮތުން ބައްދަލުކުރައްވަމުންނެވެ.

ސްކައި ނުއިސް އިން އާންމުކުރި ވީޑިއޯއަކުން ފެންނަގޮތުގައި ރައީސް މެކްރޮން އާންމުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވަން އަތް ދިއްކޮށްލި ވަގުތު ފެހި ޓީޝާޓެއްގައި ހުރި އައިނެއް އަޅައިގެން، އަދި މާސްކަކުން އަނގަމަތި ނިވާކޮށްގެން ހުރި މީހަކު ވަނީ އެމަނިކުފާނުގެ މޫނުފުޅުގައި ޖައްސަވައިފައެވެ. މެކްރޮން ވެރިކަމުން ފޭބުމަށް ގޮވާލަމުން ދިޔަ އެމީހާ ވަނީ އެމަނިކުފާނު ކައިރިވެވަޑައިގަތް ވަގުތު މޫނުފުޅަށް ހަމަލާ އަމާޒުކޮށްފައެވެ. އެ ހާދިސާގައި ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސެކިއުރިޓީން ވަގުތުން ހަރަކާތްތެރިވެ އެމީހާ ބިމާ ތިރިކޮށް، އެމަނިކުފާނު ވަގުތުން ސަރަހައްދުން ދުރަށް ގެންދިއުމަށް މަސައްކަތްކުރެއެވެ.

ރައީސްގެ ކަންކަން ބަލަހައްޓަވާ އިދާރާއިން މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދިން ނަމަވެސް. އެކަމާ ގުޅޭ މާބޮޑު ތަފުސީލެއް ދީފައެއް ނުވެއެވެ.