ދުނިޔޭގެ ދެވަނައަށް އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ޔޫރޯ ފެށުމަށް އެންމެ ހަތަރު ދުވަހަށް ވެފައި ވަނިކޮށް، ސްޕެއިން ގައުމީ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކަޓްސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ބުސްކަޓްސް ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ސްޕެއިންއިން ކުޅެން އޮތް އެކުވެރިކަމުގެ މެޗު ސީނިއާ ޓީމުން ނުކުޅޭ ގޮތަށް މިހާރު ވަނީ ނިންމާފައެވެ. މިރޭ ލިތުއޭނިއާއާ ދެކޮޅަށް ސްޕެއިނުން އެކުވެރިކަމުގެ މެޗުގައި މިހާރު ކުޅޭ ގޮތަށް އޮތީ ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމެވެ. އެ މެޗުގެ ޓިކެޓް ނަގާފައިވާ ސަޕޯޓަރުން ބޭނުން ނަމަ ޓިކެޓަށް ރިފަންޑް ލިބޭނެ ކަމަށްވެސް ފެޑަރޭޝަނުން ބުނެފައިވެއެވެ.
ބުސްކަޓްސް ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ސްޕެއިނަށް ވަނީ ހާސްކަމާ ކުރިމަތި ވެފައެވެ. ޔޫރޯގައި އެގައުމުން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ސްވިޑެންއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ބުސްކަޓްސްގެ ކޮންޓެކްޓުން ގޮތުގައި ބައެއް ކުޅުންތެރީން ތިބީ އެކަހެރި ވެގެންނެވެ. އެހެންނަމަވެސް ސްޕެއިނުން ބުނެފައި ވަނީ މިވަގުތު ޓީމުގެ އެހެން ހުރިހާ ކުޅުންތެރީން ކޮވިޑް 19 އަށް ނެގެޓިވް ކަމަށެވެ.
ސްޕެއިންގެ ކެޕްޓަން، ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްގެ ލީޑަޝިޕް ނެތްތަން ފޫބައްދަން ހުރި ކެޕްޓަނަކީ ތަޖުރިބާކާރު މިޑްފީލްޑަރު ބުސްކަޓްސްއެވެ. ބާސެލޯނާ ޔޫތު ސިސްޓަމްގެ ތެރެއިން ސްޕެއިން ފުޓުބޯޅައިގެ ތެރެއަށް ފައްކާވެގެން އައި ބުސްކަޓްސް ވަނީ މިހާތަނަށް އެ ކްލަބަށް 415 މެޗު ކުޅެދީފައެވެ. ބާސާއެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން އެތައް ކާމިޔާބީއެއް ބުސްކެޓްސް ވަނީ އެ ކްލަބާއެކު ހޯދައިފައެވެ. ގައުމީ ޓީމަށް 122 މެޗު އޭނާ ކުޅެދީފައިވާއިރު، ބުސްކަޓްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް، އަދި 2012 ހޯދައި ދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު