ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރޭ ކުޅުނު މެޗުން ސީރިއާ އަތުން 4-0 އިން ބަލިވި ނަމަވެސް ޝަކުވާތައް ކޮށް، ބަހަނާގެ ވާހަކަ މާ ގިނައިން ނުދައްކާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ޑުބާއީގެ ޝާރްޖާ ސްޓޭޑިއަމްގައި ރޭ ރާއްޖެއިން ކުޅުނު މެޗަކީ ކޫޕްމަންގެ ކޯޗުކަމުގައި ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ސީރިއާ އާ ވާދަކޮށް މެޗުން ބޮޑު ތަފާތަކުން ބަލިވެފައިވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ މެޗަކީ ގައުމީ ޓީމުން ގާތް ގަނޑަކަށް 17 މަސް ދުވަސް ވަންދެން ވާދަވެރި މެޗެއް ނުކުޅެ ތިބުމަށްފަހު ކުޅުނު މެޗެއް ކަމެވެ. އެ މެޗަށް ނުކުތީ ފަރިތަކުރުންތައް ކުރުމަށްވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ހާލަތެއްގައި ޓީމު އޮއްވައެވެ. އަދި ހާއްސަކޮށް ކޮވިޑް 19 ގެ އެކިއެކި ހާލަތްތަކާއެކު ޓީމަށް މުހިއްމު ކުޅުންތެރިންވެސް ވަނީ ގެއްލިފައެވެ.

އެފަދަ ހާލަތެއްގައި ޓީމު އޮތް ނަމަވެސް މެޗަށްފަހު ކޫޕްމަން ބުނެފައި ވަނީ ހުރިހާ ޝަކުވާތަކެއްގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެމެން ކުރާނެ ބައިވަރެއް ޝަކުވާ އެބަހުރި. އެ ހުރިހާ ޝަކުވާއެއްގެ ވާހަކަ ދައްކަން ބޭނުމެއް ނޫން. އެކަމަކު ދެކަމެއް ފާހަގަ ކޮށްލާނަން. ރާއްޖޭގައި ތިބި ދުވަސްތަކާ އެކު އަހަރެމެން މި މެޗަށް ނުކުތުމުގެ ކުރިން ދަނޑުމަތީގައި ފަރިތަކުރީ ހަ ހަފްތާގެ މުއްދަތަށް ބަލާއިރު ނުވަ ފަހަރު. ދެން މިއީ މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗު. މިއީ އުނދަގޫ މެޗެއް. ސީރިއާ މިހާރު އޮތީ ރާއްޖެއަށްވުރެ މަތީ ފަންތިއެއްގައި. އަހަރެމެންނަށް ކުރެވުނު މަސައްކަތެއް ކުރިން. ދެން އަނެއްކާވެސް ކުރަން އޮތް ކަމަކީ އިސް އުފުލައި ދެން އޮތް މެޗަށް ބެލުން. މިއީ އެއް އާއިލާއެއް. ވަކި ވަކި ކުޅުންތެރިއަކަށް އެއްޗެހި ގޮވައި ނުހަދާނެ. ދެން އޮތް މެޗަށް ބުރަކޮށް މަސައްކަތް ކުރާނަން،" ކޫޕްމަން ބުންޏެވެ.

ރާއްޖެއިން ކޮލިފިކޭޝަންގައި ދެން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ކޫޕްމަން ވަނީ ކުރިން ޗައިނާގައި ކޯޗިން ކެރިއަރުގެ ދުވަސްތަކެއް ހޭދަކޮށްފައެވެ. 2005 އިން 2006 އަށް ޗައިނާގެ ގުއަންޒޫ ސިޓީ އަށް ކޫޕްމަން ކޯޗުކޮށްދީފައިވެއެވެ. ޒުވާން ޓީމަކާއެކު ލީގަށް ނުކުމެ ކޫޕްމަން ވަނީ ބައެއް ކުޅުންތެރިންނަށް ގައުމީ ޓީމުގެ ފުރުސަތު ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

އެ ހަނދާންތައް އާކުރަމުން ކޫޕްމަން ބުނެފައި ވަނީ ޗައިނާ ފުޓުބޯޅައަށް އޭނާ ބުނެލަން ބޭނުންވާ ވާހަކައެއް އަބަދުވެސް އޮންނަ ކަމަށެވެ. އެއީ ހަމައެކަނި ފައިސާއިން ފުޓުބޯޅަ ނުގަނެވޭނެ ކަމުގެ ވާހަކައެވެ.

"ފުޓްބޯޅައެއް ނުގަނެވޭނެ. ވަރަށް ގިނަ ގައުމުތައް އަތުގައި ވަރަށް ބައިވަރު ފައިސާ އެބަހުރި. ޗައިނާ ޖެހޭނީ އެ މީހުންގެ ޓީމުގެ މުހިއްމު މަގާމުތަކަށް އަމިއްލަ ގައުމުގެ ކުޅުންތެރިން ކުޅުވަން. އަހަރެން ޗައިނާގައި ކޯޗުކޮށްދިންއިރު ޒުވާން ތިން ކުޅުންތެރިޔަކު ވަރު ގައުމީ ޓީމަށް ގެންގޮސްދިނިން. ޗައިނާގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ. ބްރެޒިލުން ކުޅުންތެރިން ގެނެސްގެން ޗައިނާ ޓީމަށް ކުޅުވުމަކީ ޗައިނާގެ ޒުވާން ކުޅުންތެރިންނަށް ކުރެވޭ ބޭއިންސާފެއް،" އެހެން ގައުމުތަކަށް އުފަން ކުޅުންތެރިންނަށް ރަށްވެހިކަން ދީ ގައުމީ ޓީމު ވަރުގަދަ ކުރުމަށް ޗައިނާއިން ކުރާ މަސައްކަތާ ގުޅިގެން ކޫޕްމަން ބުނެފައިވެއެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ސީރިއާއަށް ފައިނަލް ބުރަށް ދާން ދެން ބޭނުން ވަނީ ދެ ޕޮއިންޓެވެ. އެޓީމަށް އަދި ކޮލިފިކޭޝަންގައި ބާކީ ދެ މެޗު އޮތްއިރު، ދެން ކުޅެން ޖެހޭނީ ގުއާމްއާއި ޗައިނާއާ ދެކޮޅަށެވެ. ފުރަތަމަ ޖާގައަށް ސީރިއާއާ ވާދަކުރަނީ ޗައިނާއިންނެވެ. މިވަގުތު ޗައިނާ އޮތީ ދެވަނައިގައެވެ.

ރާއްޖެއަށް ތިންވަނައަށް އަރަން މިރޭގެ މެޗު މުހިއްމުވެފައި އޮތީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންއަށް އުންމީދު އާ ކުރުމަށެވެ. ތިންވަނައަކީ އޭޝިއަން ކަޕަށް މުހިއްމު ޖާގައަކަށްވާއިރު، މިވަގުތު އެ މަގާމުގައި އޮތީ ފިލިޕީންސެވެ. ބައްޔާއެކު ރާއްޖެއަށް ހަ މެޗުން ލިބެނީ ހަ ޕޮއިންޓެވެ. މިވަގުތު ހަތަރުވަނައިގައި ރާއްޖެ އޮތްއިރު، ތިންވަނައިގައި އޮތް ފިލިޕީންސަށް ލިބެނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. ރާއްޖެއަށް ދެން ކޮލިފިކޭޝަންގައި ކުޅެން އޮތީ ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށެވެ.