މިދިޔަ 24 ގަޑިއިރު ތެރޭ 432 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 66،948 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 249 މީހަކާއި އަތޮޅުތެރެއިން 154 މީހަކު އަދި ރިސޯޓުތަކުން 29 މީހުން ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އަދަދުތައް 1،000 އިން މަތީގައި އުޅުމަށްފަހު މިދިޔަ ހުކުރު ދުވަހު ދަށްވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 1771 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 45،730 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 21،032 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 213 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 177 މީހަކު ވަނީ މަރުވެފައެވެ. އެއީ 162 ދިވެހިންނާއި 15 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.