ޖިނާއީ ކުށެއްގެ ތުހުމަތުގައި ހުންނަ މީހަކު، އެހެން ފަރާތެއް ޖާމިނުކުރުމަށް ފަހު ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ކުރިން އޮންނަ ގޮތުން މީހަކު ޖާމިނު ކުރުމަށް ފަހު، ޖިނާއީ ކުށެއްގެ ތުހުމަތު ކޮށްފައިވާ މީހާ އެނބުރި އަންނާނެ ކަމުގެ 'ގެރްންޓާ' އެއްގެ ގޮތުގައި މީހަކު ބެހެއްޓުމަށް ފަހު ރާއްޖެ ދޫކޮށް ފުރައިގެން ދިއުމުގެ އިހުތިޔާރު އޮވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އަލުން އެކުލަވާލި ޝަރީއަތް ކުރުމާބެހޭ ގަވާއިދުގައި އެ މާއްދާ ވަނީ އުނިކޮށްފައެވެ. ފުރައިގެން ނުދެވުނު ނަމަވެސް ޖިނާއީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށް އެހެން މީހަކު ޖާމިނު ކުރެވޭ ގޮތަށް އަލަށް އެކުލަވާލި ގަވާއިދުގައި ވެސް ވަނީ ހިމަނައިފައެވެ. އަދި އޭނާ ހުރި ރަށުން އެހެން ރަށަކަށް ދާން ބޭނުން ނަމަ އެކަމަށް ވަކިން ހުއްދައެއް ވެސް ހޯދަން ޖެހެއެވެ.

މީހަކު ޖާމިނުކޮށްފައި ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައި މިވަނީ، ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވަނިކޮށެވެ. އޭނާ ރާއްޖެ އިން ބޭރަށް ގޮސްފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވަޑް އަސްއަދު އަލީ (އަޑުބަރޭ) އޭނާގެ ފަރާތުން ޖާމިނު ކުރުމަށް ފަހުގައެވެ. ނަމަވެސް އޭނާއަށް ވެސް މިހާރު އަލީ ވަހީދު ވީ ތަނެއް ނޭނގެއެވެ. އެއާއެކު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އޮތީ ކުރިއަށް ނުގެންދެވި މަޑުޖެހިފައެވެ.