ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.
މެމްބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާ ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ފުލުހުން ވަނީ މި މަހުގެ އެއްވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
އެ މައްސަލައިގައި ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލައި ޕީޖީން ވަނީ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އަދި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށްފައެއް ނުވެއެވެ.
އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އަސްރާގެ އަވަށްޓެރިއެކެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަސްރާ، އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ވިދާޅުވީ، އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ފަހުން އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެ މައްސަލައިގައި ޖިނާއީ ކުށުގެ ބައެއް ކަންތައްތައް ހުރުމުން ތަހުގީގު ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އީސަ ބުނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައިނުވާނެ ކަމަށެވެ. އަދި ފުލުހުންނާމެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު