މާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް، ނުވަތަ ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެން ތަނަކަށް ބަދަލުކޮށް، މާލެ އަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަަށް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މެންބަރު މީކާއީލް ފޮނުއްްވާފައިވާ އެ ގަރާރުގައި ބުނެފައި ވަނީ، މި ގަރާރަކީ، މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުން ހޮޅިތަކާއި، ތެޔޮ ތާނގީތައް ބެހެއްޓުމުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތައް ވަމުންދާތީ، އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ރައްޔިތުންނާއި ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަކީ އަމާޒަކަށް ވެފައި، ރަނގަޅު ސިއްހަތެއްގައި ދިރިއުޅުމުގެ ހައްގަކީ ދައުލަތުން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދޭން ޖެހޭ ހައްގެއް ކަމަށާއި، އާއްމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، މާލެ އާއި ރާއްޖޭގައި އާއްމުކޮށް އިލެކްޓްރިކު ކަރަންޓް ދިނުމާބެހޭ ގަވާއިދުގައި، އިންޖީނުގެ ހުންނަންވާނީ އަރާ ދުމުން އާއްމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައި ވަނީ، މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ޖަނަރޭޓާރުތައް ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި، ދުން ހޮޅިތައް ހުރިލެއް ތިރިކަމުން ސްޓެލްކޯގެ މައި އިމާރާތާއި ޖަނަރޭޓަރުތައް ހުންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޖައްވުގައި ހުންނަ ތެޔޮވަސް ދުވައި، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރު ވެ ކެއްސައި، ލޮލާއި ނޭފަތް ހިރުވައި، ނޭވާލާ ނިޒާމަށް އުނދަގޫ ވެ، ބޮލުގައި ރިއްސައި، ތަފާތު ބަިލިތަކަށް މަގުފަހިވެ، ވައިބްރޭޝަންތަކުގެ ސަބަބުން ގޭގައި ޖަހާފައި ހުންނަ މުށްޓައް ތަކުރާރުކޮށް ގެއްލުން ލިބި ފާރުތަކުގައި ރެނދުލައި، ކުޑަކުދިންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަ ދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރު ވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ތެޔޮ ތާނގީތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ވެސް މެދުވެރިވެ، ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެކަންތައްތަކަށް ހައްލެއް ގެނައުމަށް ކުރު ރާސްތާ، މެދު ރާސްތާ، އަދި ދުރު ރާސްތާ، ޕްލޭނެއް ސްޓެލްކޯއިން އެކުލަވާލައި، އެކަމަށް ތާވަލެއް ކަނޑައަޅައި ކުރު ރާސްތާގައި މާލެ، ހުޅުމާލެ އިންޓަނެޓް ކަނެކްޝަން ޕްރޮޖެކްޓް ވީ އެންމެ އަވަހަކަށް ނިންމުމަށްވެސް ވަނީ ގޮވާލައިފައެވެ.
އޭގެ އިތުރުން، "މިހާރު ބޭނުން ކުރަމުން އަންނަ ވަގުތީ ޖަނަރޭޓަރުތައް ބޭނުން ކުރުން ހުއްޓާލައި، އެ ސަރަހައްދުން އެތަކެތި ނަގައި، މެދު ރާސްތާގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއްތޯ ދެނެގަނެ، މާލޭގެ ބޮޑު ބަޔަކީ އިއާދަ ކުރަނިވި ހަކަތަ އުފައްދާ، އަދި އެ ހަކަތައަށް ބަރޯސާވާ ތަނަކަށް ބަދަލުކޮށް، ވަގުތީ ގޮތުން، މާލެ އަށް ކަރަންޓް ދިނުމަށް ބާޖެއްގައި ގޭސް އިންޖީނު އޮޕަރޭޓް ކުރުން އެއީ ކުރެވިދާނެ ކަމެއްތޯ ދެނެގަނެ ދުރު ރާސްތާކައި ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެން ތަނަކަށް ބަދަލުކޮށް، މާލެ އަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަަށް ހެދުމަށް ގޮވާލާ،" ކަމަށް މިގަރާރުގައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް