ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާ އިރު ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މި އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ ދެ ގާނޫނަކަށެވެ. އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާއި ސިވިލް ސާވިސްގެ ގާނޫނަށެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު، ގާނޫނަށް އެ އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ، ގާނޫނު އެގޮތަށް އިސްލާހު ކުރުމުގެ ބޭނުމަކީ ދިވެހި ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ، ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމާއި ސިޔާސީ މަސްލަހަތުތަކުން އެކަހެރި ވެފައިވާ ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދިނުމަށް، ސިވިލް ސާވިސްގެ ގާނޫނުގައި ބަޔާންވެފައިވުން ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަނީ، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލުގެ ލަފަޔާއެކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. މި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް ވަނީ އިއްވައިފައެވެ.

ދެން އޮންނާނީ މި ދެބިލު މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމެވެ. ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެކަމާބެހޭ އުސޫލު ސިވިލްސާ ވިސް ކޮމިޝަނުން އިއްޔެ ވަނީ އާންމުކޮށްފައެވެ.