އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި ހިމެނޭ ލަކްޝަދީބުގެ މައްޗަށް ގަދަބަދަވިކަން ދައްކައި ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ޒާތްޒާތުގެ ހަރުކަށި ގާނޫނުތަކާއި ގަވާއިދުތައް ގެންނަން ފެށުމުން އެކަމާ ދެކޮޅަށް ރައްޔިތުން ނުކުތުމުން އެރަށްތަކުގެ ވެރިޔާ ނުވަތަ އެޑްމިނިސްޓްރޭޓަރު ބޭރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ގާތްގަނޑަކަށް 97 ޕަސެންޓް މުސްލިމުންގެ އާބާދީއެއް އޮންނަ ލަކްޝަދީބުގެ ރަށްތަކުގައި ދިރިއުޅޭ 70،000 ގާތްކުރާ އަދަދެއްގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަން ފަށާފައި ވަނީ 5 ޑިސެންބަރު 2020 ގައި އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރި ޕްރަޕުލް ކޯޑާ ޕަޓޭލް ތަންފީޒު ކުރަން އިއުލާން ކުރި އެ ރަށްތަކުގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ނުގުޅޭ ގަވާއިދުތަކާ ގުޅިގެންނެވެ.
އެގޮތުން އޭނާ އެންމެ ފުރަތަމަ ގެނައީ ޝަރީއަތް ކުރުމަކާ ނުލައި ލަކްޝަދީބު އެޑްމިނިސްޓްރޭޓަރަށް ފެންނަ ކޮންމެ މީހަކު ހައްޔަރުކޮށް ބަންދުކުރުމުގެ އިހުތިޔާރު ލިބިދޭ އިންޑިއާގައި މަޝްހޫރު ގުންޑާ ގާނޫނެވެ. އޭގެ ފަހުން ލަކްޝަދީބުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ފެށިއެވެ. މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ލަކްޝަދީބަކީ ފެށުނީއްސުރެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރެވިފައި އޮންނަ ތަނެކެވެ.
އޭގެ އިތުުރުން ގެރިމަހުގެ ބާވަތްތައް ގެންގުޅެ ވިޔަފާރިކުރުން ވެސް މަނާކުރާ ގަވާއިދެއް ހެދިއެވެ. މީގެ ދަށުން ގެރިމަސް ގެންގުޅެ އޭގެ ވިޔަފާރިކުރާކަން ސާބިތުވެއްޖެ ކޮންމެ މީހަކަށް ދިހައަހަރާ ޖެހޭންދެން ޖަލަށް ލުމުގެ ބާރު ލިބެއެވެ. އަދި މިގަވާއިދުގެ ދަށުން އެހެން ބާވަތެއްގެ ޖަނަވާރެއް ކަތިލާކަމަށްވަންޏާވެސް ކަތިލެވޭނީ އިތުރު ހުއްދަތައް ލިބިގެންނެވެ. އަދި ސްކޫލުތަކުގައި އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތައް ހިމެނޭ ކެއުންތައްވެސް ވަނީ މަނާކޮށްފައެވެ.
ޕަޓޭލް ގެނައި މި ކަންކަމާ ދެކޮޅަށް "ސޭވް ލަކްޝަދީބް" ގެ ނަމުގައި އެ ރަށްތަކުގެ ރައްޔިތުން އަންނަނީ އަޑު އުފުލަމުންނެވެ. މިކަމާ ގުޅިގެން ބީޖޭޕީގެ ސަރުކާރަށް ފިއްތުންތަކެއް ކުރިމަތިވެ، ދޫދޭން ވަނީ މަޖުބޫރުވެފައެވެ.
އެގޮތުން ހޯމް މިނިސްޓަރު އަމިތު ޝާހް ވަނީ ލަކްޝަދީބު ރައްޔިތުންގެ ރުހުން ނުލިބޭ އެއްވެސް ކަމެއް ތަންފީޒު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެ ޔަގީންކަން އަމިތް ދެއްވީ، ލަކްޝަދީބުގެ ޕާލިމެންޓު މެމްބަރު މުހައްމަދު ފައިޒަލްއާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
"އަމިތް ޝާހް ވަނީ ލަކްޝަދީބަށް ގެންނަން ނިންމާފައިވާ ހުރިހާ ގާނޫނެއްވެސް، އެ ރަށްތަކުގެ ރައްޔިތުންނާ މަޝްވަރާކޮށް، ހުއްދަ ހޯދައިގެން ނޫނީ ތަންފީޒު ނުކުރާނެކަމުގެ ޔަގީންކަން ދީފައި،" ފައިޒަލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުން ޕަޓޭލް ވަކިކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން ޕަޓޭލް މަގާމުން ދުރު ކުރަން އެދި ހުށަހަޅާފައިވާ ގަރާރެއް ކެރަލާގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އަދި ލަކްޝަދީބަށް ގެންނަން މަސައްކަތް ކުރާ ބައެއް ގާނޫނުތަކުގެ މައްސަލަ ގުރޫޕަކުން ކޯޓަށް ވައްދާފައިވާ އިރު، ކޮންގުރެސް ލީޑަރު ރާހުލް ގާންދީ އާއި ކެރެލާ އަދި ޓަމިން ނާޑޫގެ ޗީފް މިނިސްޓަރުން ވެސް ވަނީ އެ ގާނޫނުތަކާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.
ލަކްޝަދީބާއި ލަކްޝަދީބުގެ ރައްޔިތުންނަކީ އިންޑިޔާގެ ގާނޫނުއަސާސީގެ ދަށުން ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ބައެކެވެ. އިންޑިއާގައި އިންޑިޖެނަސް ނުވަތަ ރަށްރަށުގެ އަސްލުވެހީންގެ ގޮތުގައި ހިމެނޭ މީހުން ހިމާޔަތްކޮށް އެބައިމީހުންގެ ބިންތައް ރައްކާތެރިކުރުމަށްޓަކައި ހާއްސަ ގަވާއިދުތައް ހެދިފައި ހުރެއެވެ.
މިގޮތުން ލަކްޝަދީބުގެ ރައްޔިތުންނަކީ އެތަނުގެ އަސްލުވެހީންނެވެ. އެހެންކަމުން ޒަމާނުއްސުރެ އިންޑިޔާގެ ކުރީގެ ސަރުކާރުތަކުން ލަކްޝަދީބުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އައީ އެމީހުންގެ ސަގާފަތްތަކާއި އާދަކާދަތަކާއި ބިންބިމާއި އަދި ރަށްތަކުގެ ގުދުރަތީ މާހައުލު ހަލާކުވެގެން ނުދާނޭފަދަ ގޮތްގޮތަށެވެ.
ނަމަވެސް ޕަޓޭލް ލަކްޝަދީބުގެ މައްޗަށް ކުރަމުން އަންނަ ހުދުމުހުތާރު ވެރިކަމުގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ކަމަކީ ލަކްޝަދްވީޕް ޑިވެލޮޕްމަންޓް އޮތޯރިޓީ 2021 ގެ ނަމުގައި އުފައްދާ އޮތޯރިޓީއެވެ. މިއީ ލަކްޝަދީބުގެ އަސްލުވެހީންގެ ބިންތައް "ފޭރުމުގެ" އިހުތިޔާރު ލިބިދީފައިވާ އޮތޯރިޓީއެކެވެ.
ނަތީޖައެއްގެ ގޮތުން އަމިއްލަ ބިންތަކާއި ދަނޑުބިންތަކާއި އަޅުކަންކުރާ މިސްކިތްތަކާއި ދިރިއުޅުމަށްޓަކައި ކުރަމުން އައި މަސައްކަތްތަކަށް ބުރޫއަރާނެއެވެ. އަދި އިންޑިޔާގެ ނިސްބަތުން ކުދިކުދި އާބާދީތަކެއްގެ މައްޗަށް އެކުލެވިގެންވާ ބިންކުޑަ މިރަށްތަކުގައި، އެތައް ސަތޭކަ އަހަރެއް ވާންދެން އުޅެމުން އައި އެރަށްތަކުގެ އަސްލުވެހީންނަށް އެރަށްތައް ދޫކޮށް މައިކަރައަށް ހިޖުރަކުރަން މަޖުބޫރު ވެދާނެ ފަދަ ކަމެއް މެދުވެރިވުން އެކަށީގެންވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ