ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާ ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ އީސަގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އަސްރާގެ އަވަށްޓެރިއެކެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް، އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ވިދާޅުވީ، އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ފަހުން އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ މައްސަލައިގައި ޖިނާއީ ކުށުގެ ބައެއް ކަންތައްތައް ހުރުމުން ތަހުގީގު ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އީސަ ބުނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައިނުވާނެ ކަމަށެވެ. އަދި ފުލުހުންނާމެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު