އައްޑޫގައި ހުންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އޮތް ހައްލަކީ އާ ސްކޫލެއް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އައްޑޫގައި ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކުރުމުން އެކަމާ ބެހޭ މައުލޫމާތުތައް ކޮމިޓީއާ ހިއްސާކުރައްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެ ދަރިވަރުންނަށް އޮތް ހައްލަކީ އާ ސްކޫލެއް ނަމަވެސް އެފަދަ އިންތިޒާމެއް އަދި ހަމަޖެހިފައިނުވާ ކަމަށެވެ.

މި މައްސަލައާ ބެހޭ ޕްރެޒެންޓޭޝަނެއް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ވަނީ ކޮމިޓީއަށް ހުށަހަޅައިފައެވެ. އެ ދަރިވަރުންނަށް ކުރިމިަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހަތަރު އޮޕްޝަނަކަށް ވިސްނާފައިވާ ކަމަށް އެ ޕްރެޒެންޓޭޝަނުގައި ވަނީ ބުނެފައެވެ.

އެގޮތުން ބޭރުގެ އެހެން ފްލައިން ސްކޫލަކުން ދަރިވަރުންގެ ކިޔެވުމުގެ ބާކީ ބައި ފުރިހަމަ ކޮށްދިނުން ހިމެނެއެވެ. އެކަމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކުން އެކަނި ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގައި ދެ ފަރާތުން އެއްބަސްވުމަކަށް އާދެވުމުގެ ކުރިން، ޗެކް ރިޕަބްލިކްގެ ސްކޫލުން ޖަވާބުދާރީވުން ހުއްޓާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމުން އެ ސްކޫލުން ރާއްޖޭގައި އާ އިންވެސްޓްމަންޓެއް ކުރަން ފަސްޖެހުނީ ކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި ހުރި އެޕްރޫވްޑް އިންސްޓިޓިއުޓެއް މެދުވެރިކޮށް އެ ކުދިންނަށް ކިޔަވައިދިނުމުގެ ހިދުމަތް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ބެހޭގޮތުން ވިލާ ކޮލެޖް މެދުވެރިކޮށް ވިލާ އެއާ އަދި މަންތާ އެއާ އާ މަޝްވަރާ ކުރި ނަމަވެސް، އެތަނުން އެއްވެސް ފަރާތަކުން އަދި ޝައުގުވެރިކަން ފާޅުކޮށް ލިޔެކިޔުން ހުށަހަޅާފައި ނުވާ ކަމަށްވެސް ބުންޏެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކަންތައްތަކަށް ބަލާއިރު މިވަގުތު ފެންނަން އޮތް ހަމައެކަނި ހައްލަކީ ޓްރިޕަލް އޭގައި ދަރިވަރުން ތަމްރީނުކުރުން ކަމަށެވެ.

އެހެންނަމަވެސް އެ އިންސްޓިޓިއުޓުގައި މިވަގުތު ފްލައިންގެ ހާލަތުގައި އެއްވެސް މަތިންދާ ބޯޓެއް ނެތް އިރު، މިއަހަރު ކުރީކޮޅު އޯޑަރު ކުރި ސްޕެއާ ޕާޓްސްތަކުގެ 90 އިންސައްތަ މިހާރު ރާއްޖެ ގެނެސް އެސެމްބަލްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ އިންސްޓިޓިއުޓުގައި ސިމިއުލޭޓާ ޓްރެއިނިން ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު، އައްޑޫގެ ކޮވިޑުގެ ހާލަތު ގޯސްވުމުން އެ އިންސްޓިޓިއުޓުގެ ކިޔެވުން މެދުކަނޑާލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.