ގައުމީ ދިފާއީ ބާރުގެ ކަންކަން ދަނީ ހަމައިން ނެއްޓެމުން ކަމަށާއި ހަމަ މަގަށް އެޅުވުމަށް އަސްކަރީ ކޯޓުގެ ބިލް ފާސްކުރަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މެމްބަރު އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުވަހަކުވެސް ނުވަންނަ މިންވަރަށް ސިޔާސީ ނުފޫޒު ވަދެ އެމްއެންޑީއެފްގެ ކަންކަން ދަނީ ފާލުން ނެއްޓެމުން ކަމަށެވެ. އަދި އެމްއެންޑީއެފުގެ ކަންކަން ހަމައަކަށް އެޅުވުމަށް އެންމެ ބޮޑަށް ކުރަންވީ ކަމަކީ ގަވާއިދުތައް ތަންފީޒުކޮށް އުސޫލު ދަމަހައްޓައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަރުމާކޮށްފައިވާ އަސްކަރީ ކޯޓުގެ ބިލް ފާސްކުރުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ ބިލު އަދި މަޖިލީހަކަށް ހުށަހަޅާފައެއް ނުވެއެވެ.

ރާއްޖޭގެ ފުރަތަމަ އަސްކަރީ ކޯޓު އުފެއްދުމާބެހޭ ބިލު ތައްޔާރުކޮށް ނިމި، އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭރު ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުރި އާދަމް ޝަރީފު ވިދާޅުވީ ނޮވެމްބަރު 19، 2016 ގައެވެ.

އާދަމް ޝަރީފް އޭގެ ކުރިން ވިދާޅުވެފައި ވަނީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ބިލު މަޖިލީހަށް ފޮނުވުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ކޯޓު ގާއިމު ކުރުމުގެ ފުރަތަމަ މަރުހަލާ އެއަހަރު ތެރޭ ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް އެ ބިލު މަޖިލީހަށް ފޮނުވާފައެއް ނުވެއެވެ.