ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އިޖުރާއަތަކާ ހިލާފުވެފައި ނުވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެއެވެ.
އޭނާގެ މައްސަލަ ޖޭއެސްސީން ބަލައިފައިވަނީ އިޖުތާއަތްތަކާ ހިލާފަށް ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވުމާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިސްމާއިލް ރަޝީދުގެ ސްލޫކީ މައްސަލައެއް ތަހުގީގުކުރަން އެ ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު މައްސަލަ ތަހުގީގުކުރަން ނިންމިކަމާއި ތަހުގީގު ކުރަނީ ކޮން މައްސަލައެއްކަން ބަޔާންކޮށް އިސްމާއިލް ރަޝީދަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އޭނާ ޖޭއެސްސީއަށް ހާޒިރުކޮށް ތަހުގީގަށް ބަޔާން ނަގާފައިވާ ކަމަށާއި އެ މަރުހަލާ އޭނާ ފުރިހަމަކޮށްފައިވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށްވެސް ބުންޏެވެ.
އިސްމާއިލް ރަޝީދުގެ ތަހުގީގު ނިންމައި ތަހުގީގު ރިޕޯޓު އާންމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ތަހުގީގު ރިޕޯޓަށް ލިޔުމުން ޖަވާބު ދިނުމުގެ ފުރުސަތު ދީފައިވާ ކަމަށް ސިޓީއަކުން ހަމަ އެ ދުވަހު އޭނާއަށް އަންގާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ. ނަމަވެސް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ހަމަވިއިރުވެސް އެ ފުރުސަތު އޭނާ ހިފައިފައެއް ނުވެއެވެ.
ޖޭއެސްސީން އިތުރަށް ބުނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަހުގެ އަޑުއެހުން މިއަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހަށް ތާވަލުކޮށް މާޗު 8 ވަނަ ދުވަހު "ތަހުގީގަށް ހާޒިރުވުމުގެ އަމުރު" އިސްމާއިލް ރަޝީދަށް ފޮނުވުމުން 11 މާޗުގައި އީމެއިލް މެދުވެރިކޮށް ތަހުގީގު ރިޕޯޓާ ގުޅިގެން އިތުރަށް ވާހަކަދައްކަން ބޭނުންކަމުގައި ބުނެފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ، ގާޒީ އިސްމާއިލްގެ މައްސަލައިގެ "ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓް" ތަހުގީގު ކޮމިޓީން އެކުލަވާލައިފައިވަނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު ކަމަށާއި އެ މައްސަލަ ތަހުގީގުކުރުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އިޖުރާއަތަކާ ހިލާފުވެފައި ނުވާނެ ކަމަށެވެ.
އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރުސީ ހިޔާނާތުގެ ދައުވާތައް ބޭރުކޮށްލުމުންނެވެ. އެކަމާ ގުޅިގެން އޭނާ ސަސްޕެންޑު ވެސް ކުރިއެވެ. އަދި ޖޭއެސްސީން އެ މައްސަލައިގެ ތަހުގީގެއް ހިންގިއެވެ.
ގާޒީ އިސްމާއިލް ރަޝީދު އިސްތިއުފާދީފައިވަނީ އޭނާ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު