ސުޕްރީމް ކޯޓުން މުވައްޒަފުން ހަމަޖައްސަން ޖެހޭ ގޮތަށް އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފިއެވެ.

ސަރުކާރުން މި ބިލު ފޮނުވާފައި ވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައެވެ. އެ ބިލުގައި ބުނަނީ އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދޭ ރަސްމީ ގެއަކީ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއަކަށް ވާންޖެހޭނެ ކަމަށާއި އެ ގޭގެ ސެކިއުރިޓީ ބަލަހައްޓާނީވެސް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކަމަށް ބުނެފައިވެއެވެ. އަދި އެ ގެއަަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި އުއްތަމަ ފަނޑިޔާރުގެ އާއިލާ ކަމަށް ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާ އެކުގައި ދިރިއުޅޭ އޭނާގެ އަނބިމީހާ، ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންްމަ އާއި ބައްޕައެވެ.

މިގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އަމަލު ކުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.