ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ ކައިރީގައި އޮތް ކޮންޓެއިނާ ބޯޓެއްގައި ރޯވެ އަނދަން ފަށައިފިއެވެ.

ސްރީލަންކާގެ ނޭވީން ބުނީ ސިންގަޕޫރްގެ އެމްވީ އެކްސް ޕްރެސް ޕާރްލްގައި އަލިފާން ހިފާފައިވަނީ މީގެ ހަތަރު ދުވަސް ކުރިން ކަމަށާއި އަލިފާން ހިފި އިރު، އެ ބޯޓް އޮތީ ކޮލޮމްބޯއާ 18 ކިލޯ މީޓަރު ބޭރުގައި، ޕޯޓަށް ވަނުމަށް ތައްޔާރަށް ކަމަށެވެ.

ނޭވީން ބުނީ އެ ކޮންޓެއިނާތަކުގައި އަލިފާން ހިފަން މެދުވެރިވި ސަބަބަކީ، އޭގައި ހުރި ކެމިކަލްތަކުގެ ސަބަބުން ކަމަށެވެ. އެ ބޯޓުގައި 1486 ކޮންޓެއިނާ ހުރި އިރު، 25 ޓަނުގެ ނިޓްރިކް އެސިޑާއި އެހެނިހެން އެސިޑް ހުރި ކަމަށްވެސް ނޭވީން ބުންޏެވެ.

މި ބޯޓަށް މުދާ ބަރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ ހަޒިރާއިންނެވެ.

އަލިފާން ހިފިއިރު ބޯޓުގައި 25 ކުރޫއިން ތިއްބެވެ. އޭގެ ތެރޭގައި ފިލިޕީންސް، ޗައިނާ، އިންޑިއާ އަދި ރަޝިޔާގެ ފަޅުވެރިން ހިމެނެއެވެ.

ސްރީލަންކާގެ ނޭވީގެ ސްޕޯކްސް މެން އިންޑިކާ ދަ ސިލްވާ ވިދާޅުވީ އަލިފާން ހިފުމާއެކި އެ ބޯޓުގައި ތިބި އެންމެންވެސް މޫދަށް ފުންމާލާފައިވާ ކަމަށެވެ. އަދި އަލިފާން ހިފައި، ބައެއް ކޮންޓެއިނާތައް މިހާރު މޫދަށް ވެއްޓިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަ ސިލްވާ ވިދާޅުވީ އަލިފާން ހިފަން މެދުވެރިވި ސަބަބު ދެނެގަތުމަށް ނެދަލޭންޑާއި ބެލްޖިއަމްގެ މާހިރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވުމަށްޓަކައި އިންޑިއާއިން ވެސަލްއަކާއި އެއާކްރާފްޓެއް ފޮނުވާނެ ކަމަށް ވައުދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޯޓުގެ ވެރިފަރާތް، އެކްސްޕްރެސް ފީޑާސްއިން ބުނީ އެ ބޯޓުގެ އެއްވެސް ކްރޫއަކަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ. އަދި މިކަން ލަންކާގެ ސަރުކާރާއެކު ވަރަށް ގާތުން ބަލަމުންދާނެ ކަމަށްވެސް ބުންޏެވެ.