ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހިއްސާ އޮތުމުން އޭނާއަށް ރުހުން ދިނުމުގެ މައްސަލަ ފަސްކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީން މިގޮތަށް ނިންމީ، އެކަމަށް ކޮމިޓީން ވަކި ގޮތެއް ނިންމުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލާއި ރައީސް އޮފީހުގެ ބަހެއް ހޯދުމަށެވެ.

ޑރ. ހުސެއިންއަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ އިރު، އޭނާގެ ނަމުގައި ކުންފުންޏެއްގެ ހިއްސާ އޮތް މައްސަލައިގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

ބައެއް މެންބަރުން ވިދާޅުވީ، ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވަޔަފާރިކުރުން ނޫން ކަަމަށެވެ. އެހެންކަމުން ޑރ. ހުސެއިންއަށް ރުހުން ދިނުމާ މެދު ކޮމިޓީއަށް ގޮތެއް ނިންމެން ޖެހޭނެ ކަމަށެވެ.

ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ، ޑރ. ހުސެއިން އަކީ އަމިއްލަ ކުންފުންޏެއްގައި ފައުންޑިން ޝެއާ ހޯލްޑަރެއް ކަމަށް ބަޔާންކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ކަމަށެވެ.

އެކަމާ ގުޅިގެން ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވިޔަފާރިއެއްގައި އަމަލީ ގޮތުން ބައިވެރިވުން ކަމުގައި ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން ޑރ. ހުސެއިންގެ ހުވާ ކުރުން ރައީސް އޮފީހުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ގާނޫނުއަސާސީއާ ހިލާފުނުވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެކަމުގައި ހުސެއިން މުހައްމަދު ދީދީގެ ވާހަކައަށް ދެކޮޅު ހެއްދެވިއެވެ.

އެގޮތުން މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގާސިމް އިބްރާހީމް، ފިނޭންސް މިނިސްޓަރުކަމުގެ ހުވައިކުރެއްވީ އޭނާ ހިއްސާވާ ހުރިހާ ކުންފުންޏެއްގެ ހިއްސާ ދޫކޮށްލެއްވުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމު ހުވައިކުރެއްވުމުގައި ދިމާވި މައްސަލަވެސް ކޮމިޓީގެ މުގައްރިރު، މެންބަރުންގެ ސަމާލުކަމަށް ގެންނެވިއެވެ.

ޑދ. މައުސޫމު މަގާމުގެ ހުވައި ކުރެއްވުމަށްފަހު ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ކުންފުންޏެއްގެ ހިއްސާދާރެއްގެ ގޮތުގައި ޑރ. މައުސޫމު އިންނެވި ކަމަށް އިކޮނޮމިކް މިނިސްޓްރީން ދިން މައުލުމާތާ ގުޅިގެން، ޑރ. މައުސޫމު މަގާމުން އިސްތިއުފާދެއްވިއެވެ. އެއަށްފަހު އެ ކުންފުނީގެ ހިއްސާދާރުކަމުން ވަކިވެވަޑައިގަތުމުން އަލުން އެ މަގާމު ޑރ. ޑރ. މައުސޫމަށް ދެއްވިއެވެ.