ސްޕެނިޝް ލީގުގެ ތަށި އެތުލެޓިކޯ މެޑްރިޑުން ހޯދުމާއެކު އެކަން އެންމެ ހާއްސަ ވެފައި ވަނީ ލުއިސް ޝުއަރޭޒަށެވެ. އެންމެފަހުން ކުޅުނު ދެމެޗުންވެސް އެތުލެޓިކޯ ފަހަތުން އަރައި މޮޅުވެފައިވާއިރު، އެ ދެމެޗުގައިވެސް ނަތީޖާ އަނބުރާލައި ޓީމު މޮޅުކޮށްދިން ގޯލް ޖަހާފައި ވަނީ ޝުއަރޭޒްއެވެ. މި ސީޒަންގެ ލީގުގައި 21 ގޯލް އޭނާ ޖަހާފައިވާއިރު، ސީޒަން މުހިއްމުވީ ސާބިތު ކޮށްދިނުމަށެވެ. އުމުރުން 34 އަހަރު ނަމަވެސް އިތުބާރު ކުރެވިދާނެކަން ކުރީގެ ކްލަބު ބާސެލޯނާއަށް ދެއްކުމަކީ މިފަހަރު ޝުއަރޭޒަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ. އެކަން އޭނާ ކޮށްފިއެވެ.
މި ސީޒަނަށް ބާސާއިން ތައްޔާރުވީ ބަދަލުތަކަކާ އެކުގައެވެ. ބާސާއާ އަލަށް ހަވާލުވި ކޯޗު ބުނެފައި ވަނީ ތަޖުރިބާކާރު ފޯވަޑް ޝުއަރޭޒް އަކީ އެ ކްލަބުގެ މުސްތަގުބަލަށް ބޭނުންވާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އެހިސާބުން ޝުއަރޭޒް ކްލަބު ދޫކޮށް ދާން މަސައްކަތް ފެށުމާއެކުވެސް އުނދަގޫތަކެއް ބާސާގެ ބޯޑުން ކުރިމަތި ކުރުވިއެވެ. ސްޕެއިންގެ ކްލަބަކަށް ނުފޮނުވަން މަސައްކަތް ކޮށްފައިވާއިރު، ޔުވެންޓަސްއަށް ދާން ކުރި މަސައްކަތުގައިވެސް ވަނީ ޝުއަރޭޒްއާއި ބާސާއަށް އުނދަގޫތަކެއް ކުރިމަތި ވެފައެވެ.
އެހުރިހާ ކަމަކާ ގުޅިގެން ޝުއަރޭޒް މީޑިއާއާ ކުރިމަތިލާން އުޅެނިކޮށް، ބާސާގެ ރައީސް އޭނާ އެތުލެޓިކޯއަށް ބަދަލުވާން ހުއްދަ ދިން ކަމަށް ހަބަރުތައް ބުނެއެވެ. ޝުއަރޭޒްއަށް ބާސާއިން ކުޑަ ފެއާވެލްއެއް ދީފައިވާއިރު، ޝުއަރޭޒްއާ ގުޅިގެން ކްލަބުން ކަންތައް ކުރި ގޮތުން ކެޕްޓަން ލިއޮނަލް މެސީ ވަނީ ބާސާއަށް ފާޑުވެސް ކިޔާފައެވެ.
ޝުއަރޭޒް ވަނީ ބާސާއަށް ކުޅުނު 283 މެޗުން 198 ގޯލް ޖަހައިދީފައެވެ. އެ މުއްދަތުގައި ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރަށް ކަޕްވެސް ކާމިޔާބު ކޮށްފައި ވެއެވެ. އޭގެ އިތުރުން ޝުއަރޭޒް ވަނީ ބާސާއާ އެކު ޗެމްޕިއަންސް ލީގު އުފުލާލައި، ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
ބާސާގެ މުސާރައަށް ވުރެ ކުޑަ މުސާރައެއްގައި އެތުލެޓިކޯއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޝުއަރޭޒް ސޮއިކޮށްފައި ވާއިރު، ރޭގެ ތަށްޓާއެކު ޝުއަރޭޒް ހުރީ ރޮވިފަ އެވެ.
"އަހަރެން ހިތްހަމަ ޖެހެނީ އުނދަގޫ ހާލަތުގައި އަހަންނަށް އެތުލެޓިކޯއިން ދިން ފުރުސަތުން. އެޓީމުން އަހަރެން ބަލައިގަނެފި. އިތުބާރުކޮށްފި. މިދިޔަ ދުވަސްތަކުގައި އަހަރެންގެ ދަރީންނާއި އަންހެނުންނަށްވެސް އުނދަގޫތަކެއް ކުރިމަތިވެއްޖެ. އަހަރެންގެ ކޮންމެ ހިތްދަތިކަމަކީ އާއިލާގެ ހިތްދަތިކަމެއް. އެ ހާލަތުގައި އެތުލެޓިކޯ ދިން އިތުބާރު އެއީ އަގުހުރި އިތުބާރެއް. އެތައް އަހަރަކު ފުޓުބޯޅަ ކުޅުނުއިރުވެސް އެންމެ އުނދަގޫވި އަހަރަކީ މިއީ. މިގޮތަށް ނިމުމުން ހިތްހަމަ ޖެހުން އިންތިހާ،" ރޭގެ މެޗަށްފަހު ޝުއަރޭޒް ބުނެފައިވެއެވެ.
ތަށި ޔަގީންވުމާއެކު ޝުއަރޭޒް ފެނުނީ ދަނޑުމަތީގައި އާއިލާއަށް ވީޑިއޯ ކޯލެއް ކޮށް، ދަރީންނާއި އަންހެނުންނާ ވާހަކަ ދައްކަން އިން މަންޒަރެވެ. ޝުއަރޭޒް މެޗަށްފަހު އެއްކޮށް ކަހަލަ ގޮތަކަށް ހުރީ ހިތްހަމަ ޖެހުމާއެކު ރޮވިފައެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔައީ އުފަލުގެ ކަރުނަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު