ހަތް އަހަރު ދުވަހުގެ އިންތިޒާރަކަށްފަހު، އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ލަލީގާގެ ތަށި ޔަގީން ކޮށްފިއެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ޑޮމިނޭޓް ކުރަމުން އަންނަ ލަލީގާގެ ތަށި މި ސީޒަނުގައި އެތުލެޓިކޯ އިން ހޯދީ ސީޒަންގެ ފަހު މެޗުގައި ފަހަތުން އަރާ މޮޅުވެގެންނެވެ. މިރޭ ރެއާލް ވަލަޑޮއިޑާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން އެތުލެޓިކޯ ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗުގައި އެތުލެޓިކޯގެ ދެ ގޯލުވެސް ފެނިފައިވަނީ މެޗުގެ ފަހު ހާފުގައެވެ.
މެޗަށް ނުކުތް އިރު ތަށި ހޯދުމަށް އެތުލެޓިކޯއަށް އަމިއްލަ ބާރު އޮތް ނަމަވެސް ފުލުގައި ރެއާލް އޮތީ ވިއްދައިފައެވެ. މިރޭގެ މެޗުން އެތުލެޓިކޯ ބަލިވިނަމަ، ރެއާލްއަށް އެޓީމުން ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްގެން ނޫނީ، އެ މެޗުން މޮޅުވެގެން ލީގު ތަށި ދިފާއު ކުރުމަށް ފުރުސަތު އޮތެވެ. އެ ފުރުސަތާއެކު ރެއާލް ލީގުގެ ފަހު މެޗަށް ނުކުމެ ފަހަތުން އަރާ 2-1 އިން ވިލަރެއާލް ބަލިވެސް ކުރިއެވެ. އެހެން ނަމަވެސް އެތުލެޓިކޯ މޮޅުވުމުން ލީގު ނުލިބުނެވެ.
އެތުލެޓިކޯ އިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮސްކާ ޕްލާނޯ ޖެހި ގޯލާއެކު ވަލަޑޮއިޑުން ލީޑު ނެގިއެވެ. ތަށްޓަށް އެތުލެޓިކޯ އިން ކުރަމުން އައި އުންމީދަށް ފަނޑު ކަމެއް އައި ނަމަވެސް އެޓީމުގެ ފަރާތުން ހިތްވަރާއެކު ކުޅެމުން ދިޔަތަން ފެނުނެވެ. ހާއްސަކޮށް ދެވަނަ ހާފު ފެށިގެން އެތުލެޓިކޯ އިން އެޓޭކުތައް ގިނަކޮށް، ފައިނަލް މެޗެއްގެ ރޫހުގައި ކުޅެމުންދިޔަކަން ފާހަގަކޮށްލެވުނެވެ.
މެޗުގެ 57 ވަނަ މިނެޓުގައި އެންހޭލް ކަރެސްކޯ ގޯލެއް ޖަހައި އެތުލެޓިކޯއަށް އުންމީދު އާކޮށްދިން އިރު، އޭގެ 10 މިނެޓް ފަހުން އެޓީމަށް ތަށި ޔަގީން ކޮށްދީ، ސަޕޯޓަރުން ހެއްވާލަ ދިނީ ލުއިސް ޝުއަރޭޒްގެ ގޯލުންނެވެ. ބާސާ ދޫކޮށް ޝުއަރޭޒް މި ސީޒަންގައި އެތުލެޓިކޯއަށް ދިޔައީ އެ ޓީމުން އޭނާ ބޭކާރު ކޮށްލުމުންނެވެ. ޝުއަރޭޒްގެ އުމުރުން 34 އަހަރު ވެފައި ހުރުމާއެކު ބާސާ އިން ބުނެފައި ވަނީ މުސްތަގުބަލަށް ޝުއަރޭޒް ބޭނުން ނުވާ ކަމަށެވެ. އެ ވާހަކައަށް ރައްދު ދީ ޝުއަރޭޒް ވަނީ މި ސީޒަންގައި ކުޅެފައިވާ 31 މެޗުން 21 ގޯލު ޖަހައި ފެންވަރު ދައްކާލާފައެވެ.
އެތުލެޓިކޯ އިން މީހާތަނަށް 11 ފަހަރަށް ލަލީގާ ކާމިޔާބު ކޮށްފައިވާ އިރު، މިއީ 2000ގެ އަހަރުތައް ފެށި ފަހުން އެޓީމުން ކާމިޔާބު ކުރި ދެވަނަ ތަށްޓެވެ. ލަލީގާގެ ތަށްޓަށް މި ސީޒަން ވާދަވެރިކޮށް ގޮސްފައިވާ އިރު، ލީގުގެ ކާމިޔާބީއާއެކު ޑިއޭގޯ ސިމިއޯނީ ވެގެންދާނީ އެ ކްލަބަށް ފަހުގެ ތާރީހެއްގައި ކޯޗުކަން ކޮށްދިން އެންމެ ކާމިޔާބު ކޯޗަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު