ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ހައްޔަރުކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް، އޭނާ އަނިޔާކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އަސްރާގެ އަވައްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލައިގައި އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް މިއަދު އެދިފައިވަނީ އެކަމަށް ފުލުހުން އެދުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމަށް އަމުރު ނެރެވޭނީ ޕީޖީ އޮފީހުން އެދުމުންނެވެ.
އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފައެވެ.
އީސަ މިއަދު ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި އޭނާގެ ދާއިރާގެ ރައްޔިތުންނަށް ދޭ ކަމަށެވެ. އަދި ފުލުހުންނާ މެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އީސަ މިއަދު ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް އިސްތިއުފާ ދެއްވައިފައެވެ.
އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން އެކަހެރިކުރުމަށް އެޕާޓީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު