އަންހެނުންނާއި ފިރިހެނުން ކޮންމެ ފަދަ ދޮގެއްވެސް ހަދައިފާނެ ކަމަށް ވިދާޅުވެ، ގެވެށި އަނިޔާގެ ތުހުމަތު ކުރާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ދިފާއުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާހަކަދައްކަވައިފިއެވެ.

އީސައާ ގުޅޭގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވައްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.

މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖުތަކުގެ ސްކްރީން ސޮޓްތަކެއް ވަނީ ލިބިފައެވެ. އޭގައި ގާސިމް ވިދާޅުވެފައިވަނީ އީސާ، އޭނާގެ ދަރިއާ މެދު އެފަދަ ގޮތަކަށް އަމަލު ކޮށްފާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށާއި އަންހެނުންނާއި ފިރިހެނުން ކޮންމެ ފަދަ ދޮގެއްވެސް ހަދައިފާނެ ކަމަށެވެ. އެހެންކަމުން ތަހުގީގު ކުރަންވާނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށް ވިދާޅުވިއެވެ.

"އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއް ވެސް (ފިރިހެނުން ވެސް)،" މަޖިލީހުގެ ގާސިމް ލިޔުއްވާފައިވެއެވެ.

ގާސިމް ވިދާޅުވީ ގެވެށި އަނިޔާގެ ގާނޫނު އޮތީ ހައްދެއް ނެތް މިންވަރަށް އަންހެނުން ހިޔާމަތްކުރާ ގޮތަށް ކަމަށެވެ.

"ތަހުގީގެއް ކުރުމަށްޓަކައި މީހަކު ހައްޔަރުކުރެވޭނީ ހަތަރު ސަބަބެއް ފުލުހުން ސާބިތުކޮށްދެވިގެން. ނޫންނަމަ ގާނޫނާ ހިލާފުވާނެ. މީހަކު ބުނާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ. އެއީ އިންސާފުން ބޭރުން އެފަރާތްތަކަށް ދެވޭ ބޮޑު އަނިޔާއެއް. ވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ތަހުގީގު ކުރެވެން ވާނީ އެކަކުވެސް ބަންދު ނުކޮށް ބަހައްޓައިގެން އަދުލުވެރިކަމާއެކު، އިންސާފުން،" ގާސިމް ވިދާޅުވެފައިވެއެވެ.

ގެވެށި އަނިޔާގެ ތުހުމަތުކުރެވިފައިވާ މެންބަރު އަހުމަދު އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އެދިފައެވެ.

އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފައެވެ.

އީސަ މިއަދު ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި އޭނާގެ ދާއިރާގެ ރައްޔިތުންނަށް ދޭ ކަމަށެވެ. އަދި ފުލުހުންނާ މެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.