ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން އޭނާ އެކަހެރިކޮށްފިއެވެ.
މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެންބަރު އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން އެކަހެރިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އީސަ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށްވެސް ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ އިރު، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
އީސައަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ފުލުހަށް ހުށަހެޅީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވައްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.
އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު