އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެެކްޓަރު މުހައްމަދު ޝާހިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަކީބާ ހުސެއިންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ 2018 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް އޭރުގެ ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯގައި ބޭނުންކުރުމަށް "ލިންކްސް އައި" ކުންފުންޏެއް މެދުވެރިކޮށް އެމްއައިޓީޑީސީއަށް ކުއްލިގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށް މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"2018 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް އެމްއައިޓީޑީސީން އިންތިޒާމުކޮށްގެން 31 ޑިސެންބަރު 2017 ގައި މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި މިއުޒިކް ޝޯގައި ބޭނުންކުރުމަށް ލިންކްސް-އައިއާ ހަވާލުކޮށްގެން ކޯލްޑް ސްޕާކްސް މެޝިންތަކެއް ގަނެފައިވޭ. އެ މެޝިންތައް ގަތުމަށް 7234 ޑޮލަރު ހަރަދުކޮށްފައިވޭ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ، 111,548 ރުފިޔާ. ނަމަވެސް އެ މެޝިންތަކާއި މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑާ އާ އަހަރުގެ މިއުޒިކް ޝޯ ބާއްވަން ވާއިރަށް ވެސް ލިބިފައި ނުވޭ،" އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން، ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށާއި އޭރު މެޝިންތައް ގެނެސް އެމްއައިޓީޑީސީއާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި އެމްއައިޓީޑީސީގެ މެނޭޖުމަންޓް ބަދަލުވެ، 2019 ގައި އެމްއައިޓީޑީސީން އެންގުމުން ލިންކްސް-އައި އިން އެ މެޝިންތައް އެމްއައިޓީޑީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

ލިންކްސް-އައި އިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށާއި އެއް އަހަރާއި ފަސް މަސްވަންދެން އެ މެޝިންތައް ހުރީ ލިންކްސް-އައިގެ ބެލުމުގެ ދަށުގައި ކަމަށްވެސް އޭސީސީން ބުންޏެވެ.

"އިސްވެ ދެންނެވުނު މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ހަރަދުކުރުމުގައި ހުންނަން ޖެހޭނެ ކަމަށް އެމްއައިޓީޑީސީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަ ނުކޮށް. އެގޮތުން މެނޭޖްމަންޓްގެ ނިންމުމެއް، ޕާޗޭސް ރިކުއެސްޓެއް، ކޯޓޭޝަނެއް، ޕާޗޭސް އޯޑަރެއް، އިންވޮއިސްއެއް ނެތީސް މެޝިންތައް ގެންނަންވެގެން އެޑްވާންސްކޮށް ފުލް ޕޭމަންޓް ހަދާފައިވާކަން އެނގެން އޮތްއިރު، އެ ފައިސާ ހަރަދުކުރުމަށް ހުއްދަދީފައި ވަނީ ޝާހިދު އާއި ޝަކީބާ ކަން ތަހުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭ،" އޭސީސީން ބުންޏެވެ.

އެހެންކަމުން، ޝާހިދާއި ޝަކީބާ އެފަދައިން އަމަލުކޮށްފައިވަނީ އެފަރާތްތަކުގެ މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް-އައި އިންކޯޕަރޭޓަޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައިކަން ހެކިތަކުން އެނގޭ ކަމަށްވެސް އޭސީސީން ބުންޏެވެ.