ކުރީގެ ފިރިމިހާގެ ފަރާތުން ގެވެށި އަނިޔާތަކެއް ލިބުނު ކަމުގެ އަޑުފެތުރިފައިވާ އަސްރާ ނަސީމަށް ތަޖުރިބާ ކުރަން ޖެހުނީ މީގެ ކުރިން ދުވަހަކު ވެސް އުންމީދުކޮށްގެން ހުރި ކަންތައްތަކެއް ނޫން ކަމަށް އޭނާ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ ފަރާތުން އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާއަށް ލިބުނު ގެވެށި އަނިޔާތަކެއް މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެކަމާ ގުޅިގެން އަސްރާ ސޯޝަލް މީޑިއާ މެދުވެރިކޮށް އަސްރާ މިއަދު ބުނީ، ފާއިތުވި 24 ގަޑިއިރަކީ، އޭނާއާއި އޭނާގެ ތުއްތު ދަރިފުޅަށް އުނދަގޫތަކެއް އިހްސާސް ކުރަން ޖެހު ވަގުތުތަކެކެވެ.

"ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައި ނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނެވެ. ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ހާލުވެސް މިހާރު ރަގަނޅެވެ،" އަސްރާ ބުނެފައިވެ އެވެ.

މި އުނދަގޫ ވަގުތުގައި، ރަހުމަތްތެރީންނާއި، ހެޔޮ އެދޭ އެންމެހައި ފަރާތްތަކުން، ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް އަސްރާ ބުނެފައިވެ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފަ އެވެ.