އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި މީހުން، އެ މަގާމުތަކުން ވަގުތުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅޫ ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ގޮވާލައްވައިފިއެވެ.

މީކާއީލް މިކަމަށް ގޮވައިލެއްވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ މީހުންގެ ތެރެއިން، ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިބި މީހުން ވަކި ކުރުމުުގެ މައްސަލައާ ބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައެވެ.

މީކާއީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަށް ނުފޫޒު ފޯރުވޭނެތީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ، މިހާރު ދައުލަތުގެ މަގާމުތަކުގައި ތިބި ފާރާތްތައް މަގާމުތަކުން ވަކިކުރުމަށް ކޮމިޓީ ރިޕޯޓުގައި ސަރުކާރަށް ރެކޮމެންޑް ކުރަން ހިމަނާފައި ވާއިރު، މައްސަލައިގެ ތަހުގީގު ނިމުމުން އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މިދިޔަ ހަފުތާގައި ސަރުކާރުން ބުނެފައިވާ ކަމަށެވެ.

މީކާއީލް ވިދާޅުވީ ސަރުކާރުން އެގޮތަށް ބުނުމަކީ ހައިރާންވާވަރުކަމެއް ކަމަށާއި، އެ ރެކޮމެންޑޭޝަން ހިމަނާފައިވަނީ ނަމަކަށް ނޫން ކަމަށެވެ.

"މި ހަފުތާތެރޭގައި އަޅުގަނޑުމެންނަށް އަޑު އިވިގެންދިޔަ ސަރުކާރުގެ ނިންމުމަކީ، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އެއީ ތަހުގީގީ މަރުހަލާއަށްފަހު ތަހުގީގު ނިމުމަށްފަހު ކުރަން އޮތް ކަމެއް ކަމަށް. އަޅުގަނޑު ހަމަ ހައިރާންވޭ. ހައިރާން ވަނީ މި ރިޕޯޓުގައި މި ރެކޮމެންޑޭޝަން އޮތީކީއެއް ހަމައެކަނި ރެކޮމެންޑޭޝަނެއް ޖަހައިލުމުގެ ބޭނުމުގައެއް ނޫން،ލ. މި ރެކޮމަންޑޭޝަންގެ ފަހަތުގައި ހިކުމަތެއް އެބައޮތް، ސަބަބެއް އެބައޮތް،" މީކާއީލް ވިދާޅުވިއެވެ.

އެހެންކަމުން އެ ރެކޮމަންޑޭޝަން ހިމެނޭ ކޮމިޓީ ރިޕޯޓް ފާސްވުމުގެ ކުރިން، އެމީހުން އެ މަގާމުތަކުން އެކަހެރިވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މީކާއީލްގެ ވާހަކައިގައި، ހިޔާނާތުގެ މައްސަލަ ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަން އެކުލަވާލިތާ ދެއަހަަރަށް ވުރެ ގިނަވެފައިވާ އިރު، އެ މަސައްކަތް އެކަށީގެންވާގޮތަށް ކުރިއަށްނުދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮމިޝަންގެ މަސައްކަތާ މެދު ލަދު ގަންނަކަމަށް މީކާއީލް ވިދާޅުވިއެވެ.