އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީ ބަލިކޮށް، ޗެލްސީން ލީގުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ޗެލްސީގެ ދަނޑުގައި ސަޕޯޓަރުންނާއެކު ކުޅުނު މެޗުގައި ލެސްޓާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު އިންތިހާއަށް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާއިރު، ދެޓީމުގެ ކުރިމަތިލުން ފޯރިގަދަ ވެގެން ދިޔައީ މި ހަފުތާގެ އާދީއްތަ ދުވަހުގެ ރޭ ކުޅުނު އެފްއޭ ކަޕް ފައިނަލްގެ ސަބަބުންނެވެ. އެފްއޭ ކަޕް ފައިނަލްގައި ލެސްޓާއިން ޗެލްސީ ބަލިކޮށްފައި އޮތްއިރު، މިރޭގެ މެޗަށް ނުކުތީ ބަދަލު ހިފުމުގެ ރޫހުގައެވެ.
ލީގުގައި ބާކީ މެޗެއް ދެޓީމަށްވެސް އޮތްއިރު، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމަށް ރޭގެ މެޗު އޮތީ މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައެވެ. ލިވަޕޫލުންވެސް ގަދަ ހަތަރަކަށް ގާތް ކުރަމުން އަންނައިރު، މެޗަށް ނުކުތްއިރު ޗެލްސީގެ މަތިން ތިންވަނައިގައި އޮތީ ލެސްޓާއެވެ. އެހެންނަމަވެސް މެޗުން މޮޅުވެ ޗެލްސީއަށް 37 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާއަށް ލިބިފައި ވަނީ 37 މެޗުން 66 ޕޮއިންޓެވެ. ލިވަޕޫލަށް 36 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް އަދިވެސް ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ މުހިއްމު ކުޅުންތެރިޔާ އެންގޯލޯ ކަންޓޭއަށް އަނިޔާވެ ބާލަން ޖެހިފައިވާއިރު، ކުރިއަށް އޮތް ޗެމްޕިއަންސް ލީގު މެޗަށް އޭނާގެ ފިޓްނަސް ޗެލްސީއަށް މުހިއްމު ވާނެއެވެ. ޗެލްސީން މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށް ކުޅެފައިވާއިރު، އެޓީމުގެ ޓީމޯ ވާނާ ބޯޅަ ދެ ފަހަރަށް ގޯލަށް ވައްދާލި ނަމަވެސް، ދެ ފަހަރުވެސް ވީއޭއާރް އެހީގައި ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމާފައެވެ. ފުރަތަމަ ފަހަރު އޮފްސައިޑަށް ރެފްރީ ނިންމިއިރު، ދެވަނަ ހަމަލާ ގޯލަށް ވަނީ އަތުގައި ޖެހިފައި ކަމަށްވެސް ރެފްރީ ނިންމީ ވީއޭއާރް އެހީގައެވެ.
ފުރަތަމަ ހާފް 0-0 އިން ނިމުނު ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވެ ބެން ޗިލްވެލްގެ ކޯނަރުން ރުޑިގާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ 10 ވަރަކަށް މިނެޓް ފަހުން ޖޯޖީނިއޯގެ ޕެނަލްޓީއާއެކު ޗެލްސީން ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ. ލެސްޓާގެ އިލަނާޗޯ ގޯލެއް ޖަހައި 2-1 އަކަށް ނަތީޖާ ބަދަލުކޮށްލި ނަމަވެސް ޗެލްސީން ވަނީ ލެސްޓާ ހިފަހައްޓާފައެވެ.
މެޗުގެ ފަހު ކޮޅުގައި ވަރުގަދަ ޓެކުލްތަކާއި ނުރައްކާތެރި ފައުލްތައް ފެނިގެން ގޮސްފައިވާއިރު، ކުޅުންތެރިންތައް ބޮނޑިވެ ހަމަ ނުޖެހުންތަކެއްވެސް މެޗުގެ ފަހު ދެތިން މިނެޓުގައި ފެނިފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު