ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އެ ބިލަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަކީ ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީސްކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ގާނޫނެވެ.
މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީކުރުން ހިމެނެއެވެ. އަދި ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓައޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުމަކީވެސް މި ގާނޫނުގެ މަގުސަދެކެވެ.
މި ގާނޫނުގައި ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަސީކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ގާނޫނު ހިންގައި ތަންފީޒުކުރުމަށް އަދި މަސްއޫލިއްޔަތު އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވާކަމަށްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އެ ފަރާތުގެ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަންދިނުމަށް ބަޔާންކޮށްފައިވެއެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައްވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު