ސަލާމަތީ ހިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް، މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއް ދީފައިވާ އިރު، ރައީސް ނަޝީދުގެ ރައްކާތެރިކަން ފޫއަޅުވައިލި ގޮތުގެ ތަހުގީގާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިރޭ ބޭއްވުމަށް ތާވަލުކުރި ބައްދަލުވުން ސިއްރުކޮށްފިއެވެ.

އެ ބައްދަލުވުން ފަށަން އޮތީ މިރޭ 9:00 ގައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ "ވަން"ގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި މިރޭގެ ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފައެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވައިލި ގޮތް ތަހުގީގު ކުރަން މިރޭ ބާއްވަން ހަމަޖެއްސި 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކުރި އިރު، ހަމަ އެ މައްސަލައިގައި އިއްޔެ މެންދުރު ފަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ދިއުމަށް މަސައްކަތް ކުރައްވާނެއެވެ.

ގައުމު ބައިބައިކުރުމަށް ކުރަމުންދާ މަަސައްކަތާ ދެކޮޅަށް މުޅި ގައުމު ތެދުވަން ޖެހޭ ކަމަށާއި ހައްދުފަހަނަ އަޅައި ދިއުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި ގައުމުގެ ދަރީންގެ މުސްތަގުބަލަށްޓަކައި ނަމަވެސް އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު، އެމަނިކުފާނުގެ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންވަނިކޮށް، ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބި ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހިފައެވެ.

އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަކުން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ.