ރާއްޖެއަށް އިތުރު ސަބްމެރީން ކޭބަލްތައް ގާއިމުކުރުމަކީ މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޝައުނާ މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގެ އައިސީޓީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އިންޓަނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މި އިހުސާސްތަކަށް ރިއާޔަތްކޮށް، އިންޓަނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭ އާއި ބޭރު ދުނިޔެއާ ގުޅުވައިލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ގާއިމުކުރުމަކީވެސް މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް. މި ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިގުތިސޯދަށް ލިބި، ދިވެހިން އެދޭ ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެ،" ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އައިސީޓީ ހިދުމަތަށް މިއަދު ވަނީ ބޮޑެތި ބަދަލުތައް އައިސްފައި ކަމަށާއި ރާއްޖެ އާއި ބޭރު ދުނިޔެއާ ސަބްމެރީން ފައިބާ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގައި ވެސް ފައިބާ ނެޓްވޯކްތައް ގާއިމުކުރެވިފައިވާ ކަމަށެވެ.
"ދުވަހުން ދުވަހަށް ފައިބާ ނެޓްވޯކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ލިބޭކަން ފާހަގަކުރަން. މިހިދުމަތް ރަށުފެންވަރުގައި ފޯރުކޮށްދިނުމުގައި ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ކުރަމުން އަންނަ މަސައްކަތްތައްވެސް ފާހަގަކުރަން. ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ހިދުމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ހިދުމަތްވެސް ރާއްޖެއަށް ވަނީ ތައާރަފުކުރެވިފަ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި އަހަރުވެސް ފާހަގަ ކުރެވެނީ މުޅި ދުނިޔެ އަދި ރާއްޖެވެސް ކޮވިޑުން އަރައިނުގަނެވި އުޅެނިކޮށް ކަމަށެވެ. އަދި މި ހާލަތުގައި މުޅި ދުނިޔެއަށާއި ރާއްޖެއަށް ވެސް ޓެލެކޮމިއުނިކޭޝަން އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުންތެރިކަން ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮވިޑްގެ ސަބަބަން ދުނިޔެއަށް ހާމަވެގެން ދިޔައީ މުޖުތަމައުތައް ނުހުއްޓި ހިނގަމުން ދިއުމުގައި އައިސީޓީ ވަސީލަތްތައް އަދާކުރާ މުހިއްމު ދައުރު ކަމަށެވެ. އަދި ގައުމުތަކުގެ މެދުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމުގައި ހުރި ފަރަގުވެސް ފާހަގަވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު