ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގުގައި ޕާކް ނުކުރެވޭ ގޮތަށް ހަދަން ހުށަހެޅި ކަމަށާއި ނަމަވެސް ހައުސިން މިނިސްޓްރީގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިރޭ ނެރެނު ނޫސްބަޔާނެއްގައި ވަނީ 2011 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުގެ ތިންވަނަ ދައުރުގެ ޖަލްސާއަށް ހުށަހެޅުނު ހަނި ގޯޅިތަކުގެ ތެރޭގައި ނީލޯފަރު ހިނގުން ހިމެނޭ ކަމަށާއި ކައުންސިލުން ނިންމީ އެ ގޯޅީގައި ހުރި ޕާކިން ޒޯންތަކުގެ ބަދަލުގައި އެހެން ޕާކިން ޒޯންތައް ހަމަޖެއްސުމަށްފަހު، އެ ގޯޅިއަކީ ދުއްވާ އެއްޗެހި ދުއްވުމާއި ޕާކު ކުރުން މަނާ ގޯޅިއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށެވެ. އަދި އޭގެ ފަހުން އެ މަގުގައި ވެހިކަލް ޕާކުނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފުންވެސް އެދުނު ކަމަށް ޝިފާ ވިދާޅުވިއެވެ.

"މިނިސްޓްރީ އޮފް ޑިފެންސްގެ އެދިވަޑައިގަތުމާއެކު، ނީލޯފަރު ހިނގުމުގައި ހުރި ޕާކިން ޒޯން ނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަން ފެށުނު. މިގޮތުން އެ ޕާކިން ޒޯން ނެގެން އޮތީ އެ ޕާކިން ޒޯނުގެ ބަދަލުގައި އެހެން ޕާކިން ޒޯނެއް އެ ސަރަހައްދުން ހަމަޖައްސައިގެން ކަމަށްވާތީ، އެ ސަރަހައްދުގައި އެންމެ ފަސޭހައިން ޕާކިން ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރިޖެހި ގެއިން ކަމަށް ފެނުނު ހިނދު، އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ގޯތި ދިނުމަށް އެދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި އެދެވުނު. އަދި ހަމަ މި ސިޓީ މާލެ މޭޔަރުގެ ފޯނުން ވަޓްސްއެޕް މެދުވެރިކޮށް މިނިސްޓަރު އަސްލަމަށް ފޮނުވާފައިވާނެ،" ބަޔާނުގައިވެއެވެ.

ޝިފާ ވިދާޅުވީ ނީލޯފަރު ހިނގުމަކީ ޕާކުނުކުރެވޭ މަގެއްކަމުގައި ހެދުމަށްޓަކައި އެކަން އަވަސްކުރުމުގެ ގޮތުން މިނިސްޓަރު އަސްލަމަށް އެކި ފަހަރުމަތިން ގުޅައި، ބިއްލޫރިޖެހިގެ ނުވަތަ ފޭދޫކޮށި ހަމަޖައްސައިދިނުމަށާއި އަދި ފޭދޫކޮށި ހުޅުވައިގެން ކުރެހުމަށްޓަކައި އެތަނުގެ ތަޅުދަނޑި ހަވާލުކޮށްދޭންވެސް ދަންނަވާފައިވާނެ ކަމަށެވެ.

ޝިފާ ވިދާޅުވީ އެ ދެތަން މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ރައީސް ނަޝީދުވެސް މިނިސްޓަރު އަސްލަމްގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. އަދި މި ދެ ބިން ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގައި އެދެން ޖެހުނީ އެ ދެބިމަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ދެ ބިމަށް ވާތީ ކަމަށްވެސް ވިދާޅުވިއެވެ.

"ވީމާ، ނީލޯފަރު ހިނގުން، ވެހިކަލް ޕާކުނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ، ޕާކިން ޖާގަ ހެދުމަށްޓަކައި ގ. ބިއްލޫރިޖެހިގެ ނުވަތަ ފޭދޫކޮށި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގައި އެ މިނިސްޓްރީން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައިނުވާތީ،" ޝިފާގެ ބަޔާނުގައިވެއެވެ.

ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުން މަގުގައި ޕާކް ނުކުރެވޭ ގޮތަށް މިހާރު ވަނީ ހަދައިފައެވެ.

މިމަހުގެ ހަވަނަ ދުވަހު ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ހޯދުމަށް އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގައެވެ.