ކޮވިޑް 19 ގެ މި ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދިނުމަށް މާދަމާއިން ފެށިގެން އެ ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލުން ބުނީ މި ހަފުތާގައި ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ. އެގޮތުން ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފުތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ވަނީ ބުނެފައެވެ.
މާލޭގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ ކަމަށާއި ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ވެސް އެ ބޭންކުން އެދިފައިވެއެވެ.
ބީއެމްއެލުން ބުނީ އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށެވެ. މީގެ އިތުރުން ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ވެސް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު