މި މަހު 29 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ފަސް ކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ އެތެރޭގެ އިންތިހާބު ފަސްކުރަން ނިންމީ، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ޓެރެރިސްޓް ހަމަލާގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ ފަރުވާދެމުން އަންނަ ދަނޑިވަޅުގައި އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ ކަމަށެވެ.
ދާއިރާތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި އިންތިހާބާ ގުޅޭ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މި ހާލަތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ފެނިވަޑައިނުގަންނަވާ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދާދި ފަހުން ދެއްވާފަ އެވެ.
ޒޫމް މެދުވެރިކޮށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ތައްޔާރުވަމުން އަންނަ ވަގުތެއް ކަމަށާއި މިފަދަ ކޮންމެ އިންތިހާބަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާނެ ވަގުތެއް ކަމަށެވެ.
"މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީގެ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް، އެހެންކަމުން މި އިންތިހާބު މިވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެން ވިސްނާލުން ބުއްދިވެރިކަމަށްވެސް ދެކެން،" އެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
އިންތިހާބުގައި އެމްޑީޕީގެ ޖުމުލަ 455 މަގާމަކަށް މީހުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ދާއިރާތަކުގެ ރައީސުންނާއި، ނާއިބު ރައީސުންނާއި ދާއިރާތަކުގެ ސެކްރެޓަރީންނާއި ސެކްރެޓަރީގެ ނައިބުންނާއި، މީޑިއާ ސެކްރެޓަރީންނާއި، ޕްރޮވިންސްތަކުގެ ރައީސުންނާއި ނާއިބު ރައީސުންނެވެ.
އިންތިހާބުގައި ވޯޓު ލެވޭނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އޭރު އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އެކުލެވިގެންވަނީ 147 މެންބަރުންގެ މައްޗަށެވެ. އެ މަޖިލީހަކީ އެމްޑީޕީގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ މަޖިލީހެވެ.
އެންމެ ފަހުން އެމްޑީޕީން އެ ޕާޓީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ