އިސްރާއިލުން ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ސޭވް ދަ ޗިލްރަން ޖަމިއްޔާއިން ގޮވާލައިފިއެވެ.

އިނގިރޭސި ވިލާތުން ދުނިޔޭގެ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާ ސޭވް ދަ ޗިލްރަންގެ ފަރާތުން އަރަބް ނިއުސް އަށް ދީފައިވާ ބަޔާނެއްގައި މިހެން ގޮވާލާފައިވާއިރު އިސްރާއީލުގެ ހަމަލާތަކުގައި 33 ކުދިންގެ ފުރާނަ ވަނީ ގޮސްފައެވެ.

މިހަމަލާތަކުގައި ހުޅަނގު އިސްރާއީލާއި ގާޒާގައި މަރުވަމުންދާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ނުފޫޒުގެ ބޭނުންކޮށް މި ކުރިމަތިލުންތައް ހުއްޓުވޭނެ މަގެއް ހޯދައިދިނުމަށް ވަނީ ގޮވާލާފައެވެ.

އިސްރާއީލުން ދީފައިވާ ވައިގެ ހަމަލާތަކުގައި ގާޒާގެ 31 ސުކޫލަކާއި ސިއްހީ ހިދުމަތްދޭ ތަނެއް ހަލާކުވެފައިވާ ކަން އެޖަމިއްޔާއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ޔަގީން ކުރެވޭކަމުގައި އެފަރާތުން އަރަބް ނިއުސްއަށް ދީފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ގާޒާއިން މަރުވި 31 ކުޑަކުދިންނާއި އިސްރާއީލުން މަރުވި 2 ކުޑަކުދިންނާއެކު ޖުމުލަ 33 ކުއްޖެއްގެ ފުރާނަ ގޮސްފައިވާ ކަމަށާއި، ފަލަސްތީނުން 119 މީހުންނާއި އިސްރާއިލުން މަރުވި 7 މީހުންނާއެކު ޖުމުލަ 126 ފުރާނައެއް މިހަމަލާތަކުގައި ގެއްލިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ގާޒާގެ އާބާދީގައި ހިމެނޭ 2 މިލިއަން މީހުންގެ ފުރާނަ ވަނީ ނުރައްކަލަކަށް ހުށަހެޅިފައި ކަމަށާއި ކެނޑިނޭޅި ދެމުންގެންދާ ބޮމުގެ ހަމަލާތަކާއި ވައިގެ ޒަރިއްޔާއިން ކުރިއަށްގެންދާ ކުރިމަތިލުންތަކުގެ ސަބަބުން ގާޒާގައި ދިރިއުޅެމުން އަންނަ 800،000 ކުޑަކުދިން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އުމުރު ދުވަހަށް ދެމިގެންދާނެ ގެއްލުންތަކަށް ހުށަހެޅިފައިވާ ކަން ސޭވް ދަ ޗިލްރަންގެ ކޮމިއުނިކޭޝަން އޮފިސަރު މާޒިން ނާއިމް އަރަބް ނިއުސްއަށް ދީފައިވާ ބަސްދީގަތުމެއްގައި ވަނީ ބުނެފައެވެ.

ފާއިތުވި 10 އަހަރަށްވުރެ ގިނަދުވަހު އިސްރާއީލުގެ ބާރުގެ ދަށުގައި އޮވެ، އިގްތިސާދީ ގޮތުންނާއި އުމްރާނީ ތަރައްގީއަށް މަސައްކަތްކުރުމަށް އިސްރާއީލުން ގާޒާ އަށް ހުރަސް އަޅާފައިވުމުގެ ސަބަބުން ގާޒާގެ ސިއްހީ ނިޒާމު ވަނީ އިންތިހާއަށް ބަލިކަށި ވެފައެވެ.

14 އަހަރުވަންދެން ގާޒާއަށް ސިއްހީ އެހީތެރިކަން ލިބުމުން މަހުރޫމުކޮށްފައި އޮތުމާއި، ކޮވިޑުގެ ހާލަތާއި، މުވައްޒަފުން މަދުވުމާއި ސިއްހީ އާލާތްތަކާއި ބޭސް ނެތުމުގެ ދަތިކަމާ ވަނީ އިންތިހާއަށް ކުރިމަތިލާން ޖެހިފައެވެ. އަދި މީގެ އިތުރަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިދުމަތްކުރުމަށް ބޭނުންވާ ވަރަށް އެނދުތައް ނެތުމާއި ދޭނެ ބޭހެއް ނެތުމުގެ އިތުރުން ލިބޭނެ ދުވަހެއްވެސް މިހާރު ބުނަން ނޭނގޭކަމުގައި އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.

1919 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އުފައްދާފައިވާ ސޭވް ދަ ޗިލްރަން ޖަމިއްޔާއަކީ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަށް ގަރުނަކަށްވުރެ ގިނަދުވަސްވެފައިވާއިރު ބައިނަލްއަގުވާމީ ޖަމިއްޔާއަކަށް ބަދަލުވެ ދުނިޔޭގެ 120 ގައުމަކަށް މަސައްކަތްތައް ފުޅާކޮށް، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރަމުން އަންނަ އެ ޖަމިއްޔާގެ މަގުސަދަކީ ކުޑަކުދިންނަށް ބޭނުންވާނެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަން ފާހަގަކޮށްފައިވެއެވެ.