އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، އެކަމަށް ޖަވާބުދާރީވާން އަންގައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ޗަމްޕާ ބްރަދާސް އިން އެސެޓް ރިކަވަރީ ކޮމިޝަނަށް ޖަވާބުދާރީވާން އަންގާފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާގެ ހަތަރު މުއާމަލާތަކާ ގުޅިގެންނެވެ. އެ މުއާމަލާތްތަކާ ގުޅިގެން އެ ކުންފުންޏަށް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތުކަން އެނގިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެސެޓް ރިކަވަރީ ކޮމިޝަނަށް ޖަވާބުދާރީ ވުމަށް ޗަމްޕާ ބްރަދާސް އަށް އަންގައި، އެ ކުންފުންޏަށް އެ ކޮމިޝަނުން ސިޓީ ފޮނުވާފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުވާ މީހުންނާއި ކުންފުނިތަކުގެ ލިސްޓެއް، ރައްޔިތުންގެ މަޖިލީހުން އާންމު ކޮށްފައިވާ އިރު، އެ ލިސްޓުގައި ޗަމްޕާ ބްރަދާސް ކުންފުނި ހިމެނެއެވެ.

އެ ހިޔާނާތާ ގުޅިގެން ސޯޝަލް މީޑިއާގައި ލީކުވެފައިވާ މައުލޫމާތަށް ބަލާ އިރު އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއިން 3.5 މިލިއަން ޑޮލަރު "ޗަމްޕާ" އަށް ޖަމާކޮށްފައިވެއެވެ. ނަމަވެސް އެ ޑޮލަރާ ގުޅިގެން ދިވެހި ފައިސާ ލިބިފައި ނުވާ ކަމަށް މުހައްމަދު އައްލާމް ލަތީފު ތަހުގީގަށް ބުނެފައިވާ ކަމަށްވެއެވެ.

އޭގެ އިތުރުން ޕްރޮމިސަރީ ނޯޓުގައި ހިމެނޭ ފައިސާގެ ތެރެއިން 19،844،100 ރުފިޔާ "ޗަމްޕާ"އާ ހަވާލުރި ކަމަށާއި އެ ފައިސާއާ ހަވާލުވެފައި ވަނީ ދިޓީވީގައި އުޅޭ މަސްއޫދު ކަމަށް އައްލާމް ބުނެފައިވާ ކަމަށް ލީކުވެފައިވާ ލިޔުންތަކުގައިވެއެވެ.