18 އަހަރަށްފަހު އެލެން ޑިޖެނެރެސްގެ ޓޯކް ޝޯ ހުއްޓާލަން ނިންމައިފިއެވެ.

އެމީ އެވޯޑު ހާސިލުކޮށްފައިވާ އެލެން ޑިޖެނެރެސް ޓޯކް ޝޯގެ ކުރިއަށް އޮތް 19ވަނަ ސީޒަންއާއެކު ހުއްޓާލަން ނިންމިކަން އިއުލާންކޮށްފައި މިވަނީ ހޮލީވުޑް ރިޕޯޓާއަށް ދީފައިވާ އިންޓަވިއުއެއްގައެވެ. 63 އަހަރުގެ އެލެންގެ މިނިންމުމާ ގުޅޭ އިތުރު ތަފްސީލު ބުރާސްފަތި ދުވަހު އޮންނަ އެލެން ޑި ޖެނެރެސް ޝޯގައި ދޭނެކަމުގައި ހަބަރުތައް ބުނެއެވެ. އެ ޝޯގައި ހާއްސަ މެހެމާނެއް ގޮތުގައި އޮޕްރާ ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހޮލީވުޑް ރިޕޯޓާއަށް ދީފައިވާ އިންޓަވިއުގައި އެލެން ބުނެފައިވަނީ އޭނާގެ ޝޯއަކީ ކިތަންމެ ޝައުގުވެރި މަޖާ ޝޯއަކަށް ވީނަމަވެސް މިހާރު އެހާ ޗެލެންޖިންގް ޝޯއަކަށް ނުވާ ކަމަށާއި، އުފެއްދުންތެރި ފަންނުގެ ހިޔާލުގެ މީހުންނަށް މަސައްކަތް އަބަދުވެސް ޗެލެންޖަކަށް ވާން ޖެހޭކަމަށެވެ.

''ދި އެލެން ޑިޖެނެރެސް ޝޯ'' 2003ގައި ވުޖޫދަށް އައުމަށްފަހު މިއަދާ ހަމައަށް 60 އެމީ އެވޯޑު އެޝޯއިން ވަނީ ހާސިލުކޮށްފައެވެ.

ނިއުއޯލިއަންސްގައި ސްޓޭންޑްއަޕް ކޮމީޑިއަންއެއްގެ ގޮތުގައި ކެރިއަރު ބިނާކޮށް، އެލެން މަޝްހޫރުވެގެން ގޮސްފައިވަނީ 90'ގެ އަހަރުގެ ތެރޭގައި ދައްކަންފެށި ''އެލެން'' ކިޔާ ކޮމެޑީ ޑްރާމާއިންނެވެ. ޓީވީ ޑްރާމާ ''އެލެން'' ހުއްޓާލުމަށްފަހު 2003 ވަނަ އަހަރު އޭނާގެ މި ޓޯކް ޝޯ އާއެކު ސްކްރީނަށް އައިސް މެދު ނުކެނޑި ކާމިޔާބު 18 އަހަރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެލެން ޑިޖެނެރެސް އަށް މިދިޔަ އަހަރު ތަފާތު ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށާފައެވެ. ޝޯގެ ތިން ޕްރޮޑިއުސަރުން އެލެންގެ ހަރުކަށި އަމަލުތައް ހުންނަ ގޮތާމެދު ހިތްހަމަ ނުޖެހި އެޝޯ ދޫކޮށް ގޮސްފައި ވުމާއި މީގެ އިތުރުންވެސް ގިނަ ފަރާތްތަކުން އޭނާ މުވައްޒަފުންނާ މެދު އިހުމާލުވާ ކަމުގެ ޝަކުވާތަކެއް ކޮށް، އާއްމުންގެ ނުރުހުން ވަނީ ލިބިފައެވެ.

ކާމިޔާބު ޓޯކް ޝޯއެއް ހޯސްޓުކުރުމުގެ އިތުރުން އެލެން ވަނީ ފައިންޑިންގް ނީމޯ އަދި ފައިންޑިންގް ޑޯރީ އަށް އަޑުއަޅައިދީ، ދެފަހަރެއްގެ މަތިން އޮސްކާ ހަފުލާ ވެސް ހޯސްޓު ކޮށްދީފައެވެ.