އައްޑޫ ސިޓީގައި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގަމުން އަންނަ ފްލައިޓް ޓްރެއިނިން ސްކޫލްގެ މައްސަލައިގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.
އޭއޭއޭ އިން އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނާ މެދު ތަފާތުކުރުން ގެންގުޅެ، ދަތިކުރުމުގެ ކަންތައް ކުރަމުންދާ މައްސަލައާއި އެ ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަަލަތައް ސަރުކާރުގެ ސަމާލުކަމަށް އައިސް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެކަން ބަލައިފައެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސްކޫލުގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައިވާ ނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
އައްޑޫ ފްލައިން ސްކޫލުގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވުމާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް އަރަމުންދާތީ، އެ ލޯނުތައް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
އެ މައްސަލައިގައި މީގެ ކުރިން އައްޑޫ ފްލައިން ސްކޫލް ވަނީ 35،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް ވަނީ އަންގައިފައެވެ. އެގޮތުން އެ ސްކޫލުން ކަނޑާލުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލުކުރުމަށް އެ ސްކޫލަށް ކަމާގުޅޭ އިދާރާތަކުން ވަނީ އަންގައިފައެވެ.
އެ ސްކޫލުގެ ދަރިވަރުންގެ ޖަމިއްޔާއިން ބުނެފައިވަނީ، އެކި ގޮތްގޮތުން ދަރިވަރުންނަށް ދަތި ކުރުމުގެ ކަންތައް އެތަނުން ކުރަމުންގެންދާ ކަމަށާއި ސަރުކާރުގެ މުއައްސަސާތަކުން ކުރާ އަމުރުތަކަށްވެސް އެ ސްކޫލުގެ މެނޭޖްމަންޓުން ބޯނުލަނބާ ކަމަށެވެ.
އެ މައްސަލަތަކުގައި އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އޮޅުން ފިލުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު