މިއަދަކީ (11 މެއި 2021، އަންގާރަ ދުވަހަކީ) 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ގޮތުން ބަލާއިރު މި އަހަރުގެ ރަމަޟާން މަސް ފުރިހަމަވެ، ޝައްވާލު މަހުގެ ހަނދު އުފަންވާނީ ރާއްޖޭ ގަޑިން މިރޭ 11:59 ގައެވެ.

ދިވެހިރާއްޖޭގައި ޝައްވާލު މަސް ފެށުމުގައި ޢަމަލު ކުރާ އުސޫލަކީ ފަލަކީ ހިސާބުތަކުން، ދިވެހިރާއްޖެ އަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެ ނަމަ ދެން އަލިވިލޭ ދުވަހަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅުމެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެ އަށް އޮއްސޭއިރު، ހަނދު ފެންމަތީގައެއް ނުހުންނާނެއެވެ. ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލެއަށް އިރު އޮއްސުމުގެ 14 މިނެޓު ކުރީން ހަނދު އޮއްސޭނެއެވެ.

އިސްލާމީ އެހެން ގައުމުތަކަށް ބަލާ އިރު، އިންޑޮނޭޝިޔާގެ ޖަކާޓާއަށް ހަނދު އޮއްސޭނީ އިރަށް ވުރެ 15 މިނެޓް ކުރީންނެވެ. ތުރުކީގެ އިސްތަންބޫލަށް ވެސް ހަނދު އޮއްސޭނީ އިރަށް ވުރެ 15 މިނެޓް ކުރީންނެވެ. މާތް ވެގެން ވާ މައްކާއަށް އިރު އޮއްސުމުގެ 12 މިނެޓް ކުރީން ހަނދު އޮއްސޭނެއެވެ. ސޫދާނުގެ ޚަރްޠޫމަށް ހަނދު އޮއްސޭނީ އިރަށް ވުރެ 10 މިނެޓް ކުރީންނެވެ. މޮރޮކޯގެ ކަސަބްލަންކާއަށް ހަނދު އޮއްސޭނީ އިރަށް ވުރެ 8 މިނެޓް ކުރީންނެވެ. އިސްލާމީ ދުނިޔޭގެ އެންމެ ހުޅަނގަށް އޮތް ސެނެގާލްގެ ޑާކާރަށް ވެސް އިރު އޮއްސުމުގެ 3 މިނެޓް ކުރީން ހަނދު އޮއްސެއެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން، އައު މަހުގެ ހަނދު ފެނުމުގެ އެންމެ ފުރުސަތު ބޮޑު ތަނަކަށް އަބަދުވެސް ބެލެވިފައި އޮންނަނީ ސެނެގާލެވެ. އެހެންނަމަވެސް މިއަދު ސެނެގާލަށް ވެސް އިރު އޮއްސުމުގެ 3 މިނެޓް ކުރީން ހަނދު އޮއްސޭތީ ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

އެމެރިކާ ބައްރުގެ ބައެއް ތަންތަނަށް ހަނދު އޮއްސޭނީ އިރަށް ވުރެ ފަހުންނެވެ. މި ގޮތުން އިކުއެޑޯގެ އެސްމެރަލްދަސް އަށް ހަނދު އޮއްސޭނީ އިރަށް ވުރެ 6 މިނެޓް ފަހުންކަން ފާހަގަ ކޮށްލެވެއެވެ. މި ވަރުން ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު ވަރަށް ހަންޏެވެ. އަދި މިއީ އިސްލާމީ ގައުމުތައް ނޫން ކަމުން، މި އިން ގައުމަކަށް ހަނދު ފެނުނު ނަމަވެސް ހަނދު ސާބިތު ވީ ކަމަކަށް ދިވެހިރާއްޖޭގައި އަމަލު ކުރާ އުސޫލަށް ރިއާޔަތް ކުރާ އިރު ނުނިންމޭނެ އެވެ.

މުސްލިމުންގެ ހަރަމްފުޅުތައް އެ ބިމެއްގައި ހުރި ސައުދީ އަރަބިއްޔާގައި ހަނދު ބެލުމުގައި ބޮޑަށް އިސްކަން ދެނީ ހަމަ ލޮލުން ފެނުމަށެވެ. ފަލަކީ ގޮތުން އައު މަހުގެ ހަނދު އުފަން ނުވާ ނަމަ، ނުވަތަ އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ނަމަ ހަނދު ބަލަން ދިއުމެއް ސައުދީ އަރަބިއްޔާގައި ވެސް ރަސްމީކޮށެއް ނޯވެއެވެ.

ހަމަ ލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތު ކުރުމުގެ އުސޫލެއްވެސް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފައި ވެއެވެ. މިއީ ކަލަންޑަރު ހެދުމަށް ޓަކައި ކަނޑައަޅައިފައި އޮންނަ އުސޫލެކެވެ. މި ގޮތުން އެ ގައުމުގައި އަމަލުކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރިން މާރަހަވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ.

ރަމަޟާން މަސް ފުރިހަމަ ވެ ޝައްވާލު މަސް ފެށުމަށް ދުނިޔެއާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވާނީ (ނުވަތަ އިޤްތިރާން ވާނީ)، ރާއްޖޭގެ ނިސްބަތުގައި ބަލާއިރު މެއި މަހުގެ 11 ވަނަ ދުވަހުގެ ރޭ 11:59 ގައެވެ. މައްކާ ގަޑިން މިރޭ 9:59 ގައެވެ. މާރަހަވަނީ މައްކާއަށް އިރު އޮއްސޭ ފަހުން ކަމަށް ވާތީ، ސައުދީ އަރަބިއްޔާގައި ހަނދު މަސް ފެށުމުގައި އަމަލު ކުރާ އުސޫލުން ބަލާއިރު، މާދަމާ (12 މެއި 2021 ވާ ބުދަދުވަސް)އަކީ މިއަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަށް ވުމުގެ ފުރުސަތެއް ނެތެވެ.

ފަލަކީ ހިސާބުތަކަށް ބަލާއިރު މިއަދު އެއްވެސް އިސްލާމީ ގައުމަކަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.

އެހެންކަމުން އިސްލާމީ ގިނަ ގައުމުތަކުގައި ހަނދު މަސް ފެށުމުގައި އަމަލުކުރާ އުސޫލުން ބަލާއިރު، މާދަމާ، 12 މެއި 2021 ވާ ބުދަދުވަހަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ 13 މެއި 2021 ވާ ބުރާސްފަތި ދުވަހެވެ.