ރ. މަޑުއްވަރި މޮނީޓަރިންއަށް ލުމާއެކު ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުވެސް ފަސްކޮށްފިއެވެ.

މިހާތަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު، މުބާރާތް ކުރިއަށް ގޮސްފައިވަނީ ވަރަށް ފޯރިގަދަ ކޮށެވެ. އަދި މުބާރާތުގެ އެންމެހައި ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށް އިންތިޒާމް ކުރި ފަރާތުން ވަނީ މައުލޫމާތު ދީފައެވެ. އެރަށުން މީހަކު ޕޮޒިޓިވް ވެފައިވާއިރު، މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައި ވަނީ މުބާރާތުގެ މެޗުތައް ފަސްކުރަން ޖެހުމަކީ ޓީމުތަކަށް ލިބުނު ގެއްލުމެއް ނަމަވެސް، ސަލާމަތާއި ރައްކާތެރިކަމަށް ވަކި ގޮތެއް އަންގަންދެން މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ.

މަޑުއްވަރީ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު އަތީފު "ވަން" އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވް ވި މީހާއަށް ޕޮޒިޓިވް ނަތީޖާ އަކާއި ނެގެޓިވް ނަތީޖާއެއް ލިބުނު ކަމަށާއި ނަމަވެސް އެ ނަތީޖާ އަކީ ޕޮޒިޓިވް ނަތީޖާއެއް ކަމަށް ފަހުން ބަލައި އެޗްޕީއޭ އިން އެރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.