ރަމަޟާންމަހުގެ 27 ވިލޭރޭ މަސްޖިދުލްއަގްސާގެ މުގައްދަސް ބިމުގައި އަޅުކަމުގައި ހޭދަކުރަމުންދިޔަ އަދި ފަލަސްތީނުގެ ބިންތަކުން ނުހައްގުން މުސްލިމުން ނެރުމާ ދެކޮޅަށް މަސްޖިދުލްއަގްސާގައި އަޑު އުފުލަމުން ދިޔަ 90،000 އަށްވުރެ ގިނަ މުސްލިމުންނަށް އަމާޒުކޮށް އިސްރާއީލު ސިފައިންވަނީ އެ މިސްކިތަށް ވަދެ ހަމަލާތައް ދޭން ފަށާފައެވެ.
ޝައިޚް ޖައްރާއިން ފަލަސްތީނު އާއިލާތައް ނެރެ އެބިމަށް ނުހައްގުން ވެރިވެގަންނަން މަސައްކަތްކުރާ ޔަހޫދީންނާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އަޑު އުފުލަމުން އަންނައިރު، އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކުގެ ފަހަތުގައި ވަނީ އަނިޔާވެރިކަން ހުއްޓުން ކަމަށް ބުނެއެވެ.
އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އަންނަނީ އިންތިހާއަށް ބާރުގެ ބޭނުން ކުރަމުންނެވެ. ރަބަރު ބުލެޓާއި ކަރުނަ ގޭހާއި ގުރެނޭޑް ބޭނުންކޮށް އަލްއަގްސާގައި ތިބި ފަލަސްތީނުގެ އެތަކެއް ރައްޔިތުންނެއް ޒަހަމްކޮށްލާފައިވާއިރު މިހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. މަސްޖިދުލް އަގްސާއަށް ވަދެ ގެއްލުންތައް ދެމުންދާއިރު މި މުގައްދަސް މިސްކިތް ހިމާޔަތްކުރުމުގެ މަސައްކަތުގައި ފަލަސްތީނުގެ ހިތްވަރު ގަދަ ބަތަލުން ފަސްޖެހިފައެއް ނުވެއެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސީ ވަނީ މި ހަމަލާގެ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ފަލަސްތީން ހިމާޔަތްކުރަމުން އަންނަ ބަތަލުންނަށް އައްބާސީ ހިތްވަރުދެއްވާފައިވާއިރު އިސްރާއީލުގެ ބޮޑު ވަޒީރު ވަނީ އިސްރާއިލު ސިފައިންގެ އަމަލުތަކަށް ތާއީދުކޮށް އެމަސައްކަތްތަކަށް ތައުރީފު ކުރައްވައިފަ އެވެ.
ސަލާމަތީ އޮފިޝަލުންނާއި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ އެގައުމުން އަންނަނީ ޒިއްމާދާރު ކަމާއެކީ އިހުތިރާމާ އެކު ގާނޫނު ދަމަހައްޓަމުން، ހަމަހަމަކަމާއި މިނިވަންކަމާއެކު މުގައްދަސް ބިމުގައި އަޅުކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ.
ހޮނިހިރު ދުވަހު އިސްރާއިލު ސިފައިން، ފަލަސްތީނުގެ ޝެއިހް ޖައްރާހުގައި މުޒާހަރާކުރަމުންދިޔަ ފަރާތްތަކަށް އަނިޔާކޮށް ޓެންޓުތައް ރޫޅާލައި ނިކަމެތި އަންހެނަކު މަގުމަތީގައި ދަމާ ކޫއްތާ ހަދާ މަންޒަރާއި ރައްޔިތުންނަށް ގެއްލުންދޭ މަންޒަރުތައް ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.
މީގެ އިތުރުންވެސް އިސްރާއިލު ސިފައިންވަނީ އިސްރާއިލުގެ ރަށްވެހިކަން އޮންނަ ފަލަސްތީނު ބަޔަކު އަގްސާއަށް ދިއުމަށް ދަތުރުކުރަމުންދިޔަ ބަހެއް ހުއްޓުވައި ދިޔަ ނުދީ ހިފަހައްޓައިފައެވެ.
އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް ތުރުކީން ވަނީ މިކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ. އިސްތަންބޫލުގައި ކުރިއަށް ދިޔަ ހަރަކާތެއްގައި އެގައުމުގެ ރައީސް އުރުދުގާން ވަނީ އިސްރާއީލަކީ ނުބައި ނިރުބަވެރި ޖަމާއަތެއް ގޮތުގައި ސިފަކުރައްވާފައެވެ. އަދި ހުރިހާ މުސްލިމު ގައުމުތަކަށާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ތެދުވަމަށް މަސައްކަތްކުރުމަށް ގޮވާލައްވައި މިކަމުގައި ހަނު ތިބޭ ފަރާތްތަކަކީ ނުބައިކަމަށް ހިތްވަރުދޭ ޕާޓީގެ މީހުން ގޮތުގައި އުރުދުގާން ސިފަކުރައްވާފައިވެއެވެ. ކޮންމެ ރަމަޟާންމަހަކާ ދިމާކޮށް އިސްރާއީލުން ފަލަސްތީނަށް އަމާޒުކޮށް ދެމުންގެންދާ ހަރަކާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމުގައި އުރުދުގާން ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ ޔަހޫދިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދޭ ހަމަލާތަކަށް ހިތްވަރުދީ އުފާފާ ޅުކޮށް، މުގައްދަސް މިސްކިތް އަލްއަގްސާއަށް ގެއްލުންދީ އެމިސްކިތުގައި ރޯކޮށްލާފައިވާއިރު އެކަމާ އުފާފާޅުކުރަމުންދާ މަންޒަރު ފެންނަ މިވީޑިއޯތަކުގެ ސަބަބުން މުސްލިމުންގެ ރުޅިވެރިކަން ވެސް ވަނީ ގަދަ ވެފަ އެވެ. މި ހާލަތަކީ މުސްލިމުން އެކަތިގަނޑަކަށް ވެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަމަށާއި އިސްލާމީ އުއްމަތުގެ ބޮޑެތި ބާރުތަކުން ވެސް ފަލަސްތީނުގެ ހައްގުގައި އިތުރު ވަރުގަދަ މަސައްކަތްތަކެއް ފަށާން ޖެހޭ ކަމަށް މުސްލިމުން އަންނަނީ ގޮވާލަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ