މެލޭޝިއާގެ ކޮވިޑުގެ ހާލަތު ގޯސްވެ އިތުރު ފުރަބަންދަކަށް ދާން ނިންމަވާފައިވާކަން އެގައުމުގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން މިއަދު އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު ވިދާޅިގޮތުގައި ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެގައުމު ފުރަބަންދަކަށް ދާން ނިންމީ ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީއެވެ.

މުހިއްޔުއްދީން ނެރުއްވާފައިވާ ބަޔާނުގައި، އެގައުމުގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު 4000 އިން މަތިވެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 37،396 އުޅޭ ކަމަށާއި މިއަދާ ހަމައަށް 1700 މީހަކު ކޮވިޑު ބަލީގައި މަރުވެފައިވާ ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި މެލޭޝިއާ ކުރިމަތިލަމުން މިދަނީ އެގައުމުގެ ކޮވިޑުގެ ތިންވަނަ ރާޅާކަން ބަޔާންކުރައްވައި އެކަމުން ގައުމު ނާޒުކު ފައްތަރަކަށް ވެއްޓިދާނެކަމުގައި ބޮޑުވަޒީރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް އެގައުމުގައި ކޮވިޑުގެ އާ ވޭރިއަންޓުތައް އުޅުމާއި، ސިއްހީ ނިޒާމު ބޮއްސުންލައިގެން ގޮސްދާނެކަމަށް ބެލެވޭތީއާއި، އަދި ބަލިން ރައްކާތެރިވުމަށް އަންގާ އެންގުންތަކަށް އާއްމުން ދޭ ސަމާލުކަން ކުޑަވުން، މިއީ މިފަދަ ބޮޑު ނިންމުމެއް ނިންމެވުމުގެ ފަހަތުގައިވާ ސަބަބުތައް ކަމުގައިވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މިއީ އެގައުމުން ހަތަރު ހަފުތާގެ ފުރަބަންދެއް އިއުލާންކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އެގައުމު ފުރަބަންދުކޮށްފައިވަނީ ދެ ހަފުތާގެ މުއްދަތަކަށެވެ.

މިދިޔަ ޖެނުއަރީ މަހު އެގައުމުން ކުއްލި ހާލަތު އިއުލާނުކުރައްވައި ކުރި ފުރަބަންދަށްފަހު ބޮޑުވަޒީރު މުހިއްޔުއްދީން ވިދާޅުވެފައިވަނީ ކުރިއަށް އޮތްތަނުގައި ކޮވިޑު ކޮންޓްރޯލްކުރުމަށް ފުރަބަންދަކަށް ދިއުމުގެ ބަދަލުގައި ހާއްސަ ފިޔަވަޅުތައް އަޅުއްވައިގެން ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

އަދި މީގެ އިތުރުންވެސް ދެ ދުވަސް ކުރިން އެގައުމުގެ ޑިފެންސް މިނިސްޓަރު އިސްމާއިލް ސަބްރީ، އެގައުމު އިތުރު ފުރަބަންދަކަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފައިވާތީ، މިއަދުގެ މި ނިންމުމުން އާންމުންގެ ގިނަ ބަޔަކަށް ވަނީ ހައިރާންކަން ގެނުވައިފައެވެ.