މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.
ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރު ކޮށްދެނީ އެ ރެސްޓޯރެންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައި ވަނީ ކަޓުލްފިޝް ހޮޓް ގާލިކް ސޯސް ރެސިޕީއެވެ.
250ގ ބޯވަދިލަމަސް (ސާފުކޮށް ހަދައި ކުދިކޮށް ކޮށާފައި)
1 މޭޒުމަތީސަމުސާ ކޯންފުލާ
2 މޭޒުމަތީސަމުސާ ތެޔޮ
1 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)
2 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)
2 މޭޒުމަތީސަމުސާ ހިކިމިރުސް (އެއް އިންޗިއަށް ބުރިކޮށް، ތެލުލާލާފައި)
½ ޖޯޑު ތިން ކުލައިގެ ބެލް ޕެޕާ (ހިމަ ދިގުކޮށް ކޮށާފައި)
½ ޖޯޑު ސްޕްރިންގް އޮނިއަން (2 އިންޗިއަށް ބުރިކޮށްފައި)
1 މޭޒުމަތީސަމުސާ ޗިލީޕޭސްޓު
1/3 ޖޯޑު ސޮއިސޯސް
½ ޖޯޑު ޗިކަން ސްޓޮކް (އެއް ކިއުބް ½ ޖޯޑު ފެނުގައި ގިރާފައި)
2 މޭޒުމަތީސަމުސާ އޮއިސްޓާސޯސް
½ ޖޯޑު ޓޮމާޓޯ ސޯސް
1 ސައިސަމުސާ ސެސަމީ އޮއިލް
ރަހަލާވަރަށް ލޮނު އަދި އަސޭމިރުސްކޮޅެއް
ތަށްޓެއްގެ ތެރޭގައި ބޯވަދިލަމަސްކޮޅު މައްޗަށް ލުނބޯހުތް ފިތާލުމަށްފަހު ލޮނާއި އަސޭމިރުސްކޮޅެއް އަޅާ އެއްކޮށްލުމަށްފަހު ވަކިން ބަހައްޓާށެވެ.
ތަވައެއްގައި ތެޔޮކޮޅު ހޫނުކުރުމަށްފަހު ލޮނުމެދާއި ފިޔާކޮޅު މީރުކޮށްލާށެވެ. އަދި ކުރިން ތައްޔާރު ކުރި ބޯވަދިލަމަސް ކޮޅު މީގެ ތެރެއަށް އެއްކުރުމަށްފަހު ކައްކާލާށެވެ. ޓޮމާޓޯސޯސް، ސޮއިސޯސް އަދި އޮއިސްޓާސޯސް އެއްކޮށްލާށެވެ. މީގެ އިތުރުން ޗިލީޕޭސްޓު، ޗިކަން ސްޓޮކް އަޅާލައި ލޮނާއި އަސޭމިރުސްކޮޅަކުން ރަހަ ހެޔޮވަރުކޮށްލާށެވެ.
އެއް މޭޒުމަތީސަމުސާ ކޯންފުލާ، ދެ މޭޒުމަތީސަމުސާ ފެންފޮދެއްގައި ގިރާލުމަށްފަހު މީގެ ތެރެއަށް އެއްކޮށްލާށެވެ. އަދި ސޯސްގަނޑު ކޮންމެވެސް ވަރަކަށް ހިކި، ތަތްވާ ގޮތް ވަންދެން ކައްކާލާށެވެ.
ބެލްޕެޕާ، ސުޕްރިންގް އޮނިއަން، ތެލުލާފައި ހުރި މިރުސް އަދި ސެސަމީ އޮއިލް މީގެ ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް ސޯސްގަނޑާއި އެއްވަންދެން ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ.
ވަން ރެސިޕީ
ވަން ރެސިޕީ