ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ޑިޒައިން ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލާފައި ވަނީ ހޯމް މޭޑް ނޮން މިލިޓަރީ ގުރޭޑްގެ އެކްސްޕޯލްސިވް ޑިވައިޒެއް ކަމަށާއި އެ ޑިވައިސް އިނީ އެމަނިކުފާނުގެ ކާރުކޮޅު ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ކަމަށެވެ.
"ވަރަށް ނުރައްކާތެރި ވަރަށް ވަރުގަދަ ހަމަލާއެއް އެމަނިކުފާނަށް ދިނީ،" އެ ހަމަލާ ސިފަކުރައްވަމުން ޝަމާލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޑިވައިޒް ގޮވުމާއެކު ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގެންނެވި ކަމަށާއި އޭރު އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އައިއީޑީ އޮތީ އެމަނިކުފާނުގެ ވައަތް ފަރާތަށްވާ ގޮތަށް ޕާކުކޮށްފައި ހުރި ސައިކަލުގައި. އެހެންވެ، އެމަނިކުފާނަށް ހަމަލާ އައިސްފައި ވަނީ ވައަތް ފަރާތާ ދިމާލުން. ހަމައެއާއެކު ޕީއެސްއޯގެވެސް ހުރީ ވާތް ފަރާތައް ހަމަލާތައް އައިސްފައި، ދެން ހުރި މީހާގެ ހުރީ ކަނާއަތް ފަރާތްތަށް. އޭނާ ހުރީ ދެކުނަށްވާ ގޮތަށް ކުރިމަތިލައިގެން" ޝަމާލު ވިދާޅުވިއެވެ.
"އެހެންވީމަ މިއީ ޓައިމްކޮށްފައި އޮތް އައިއީޑީއެއް ނޫން. އަޅުގަނޑުމެނަށް ލަފާކުރެވޭ ގޮތުގައި މިއީ ރިމޯޓް ކޮންޓްރޯލް ޑިވައިޒްއެއް ބޭނުންކޮށްގެން ކޮށްފައި އިން ކަމެއް،" ޝަމާލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އައިއީޑީ ގޮއްވާލާފައި ވަނީ ފޯނެއްގެ ބަދަލުގައި ރިމޯޓެއް ބޭނުން ކޮށްގެން ކަމަށް ބޮޑަށް ބެލެވޭ ކަމަށެވެ.
"ދެހާސް ހަތް ވަނަ އަހަރުގެ ސަލްޓަންޕާކުގެ އައިއީޑިއަށް ބަލާފައި މި އައިއީޑީއަކީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރަން،" ޝަމާލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު