ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހައި ރިސްކު އޮންނަ ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނާއެކު ސެކިއުރިޓީން އުޅޭނީ ހަތިޔާރާއެކު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.
ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާ ގުޅިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލު ވިދާޅުވީ، ރައީސް ނަޝީދަކީ އެމްއެންޑީއެފުން އެންމެ މަތީ ސެކިއުރިޓީ ފޯރުކޮށްދޭ އެއް ބޭފުޅާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށް ދޭ ސްޕެޝަލް ފޯސް ޓީމުގެ އަދަދު އިތުރުކޮށްފައިވާ ކަމަށާއި އެ ޓީމު އެމަނިކުފާނާއެކުގައި އަބަދުވެސް ހަރަކާތްތެރި ވާނީ ހަނގުރާމަވެރި ހަތިޔާރާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ،
"ރައީސް ނަޝީދަކީ އެންމެ ސެކިއުރިޓީ މަތީ ލެވެލްގައި ނުވަތަ އެންމެ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް. އަދި އެބޭފުޅާއާ ގުޅޭ އިންޓެލިޖެންސް އިންޕުޓްތަކަކީ އަބަދުމެހެން އަންނަ އިންޕުޓްތަކެއް. އެބޭފުޅާއަކީ ހައި ރިސްކް ބޭފުޅެއް ކަމާއި އަދި އެބޭފުޅާއަށް ހުރި ތްރެޓްތަކުގެ މައުލޫމާތު އަބަދުމެހެން އަޅުގަނޑުމެންނަށް ލިބޭ،" ޝަމާލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސެކިއުރިޓީ އެންހޭންސްމަންޓް ޕްލޭނެއްގެ ދަށުން ރައީސް ނަޝީދަށް އަރުވަމުން އަންނަނީ ކުރީގެ ރައީސަކަށް އަރުވާ ވަރަށް ވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ކަމަށެވެ.
ރަށުން ބޭރުގައި އޮތް ހަފުލާއަކަށް ދިއުމަށް ރައީސް ނަޝީދު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅެނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނު ޒަހަމްކޮށްލާފައި ވަނީ ރޭ 20:27 ހާއިރުއެވެ. އަދި އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އެމަނިކުފާނު އަދިވެސް ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު