ރ. މަޑުއްވަރީގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް އެފްސީ ޔުނައިޓެޑާއި އެފްސީ ކޮންފިޑެންސުން ކާމިޔާބު ކޮށްފިއެވެ.
ރޭ ކުޅުނު ގްރޫޕް އޭގެ މެޗުން މޮޅު ވެ، މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށް، އެފްސީ ޔުނައިޓެޑުން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފައެވެ. އެޓީމުން ރޭ ބީބީ ނިއު ޖެނެރޭޝަންއާ ދެކޮޅަށް ކުޅުނު މެޗު 5-3 ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މިހާތަނަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.
ގްރޫޕް އޭގެ ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެފައިވާއިރު، ހޯރަ ކަންމަތި އޮތީ ކަޓާފައެވެ. ދެން އޮތް މެޗުގައި އެފްސީ ޔުނައިޓެޑުން ހޯރަ ކަންމައްޗާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް ސްޓޭޖު ފަހު މެޗު ވެގެންދާނީ ބީބީ ނިއު ޖެނެރޭޝަނާއި ރުއްގަނޑު ވާދަކުރާ ފޯރިގަދަ މެޗަށެވެ. ބީބީ ނިއު ޖެނެރޭޝަންގެ އިތުރުން ރުއްގަނޑަށްވެސް މިހާތަނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފަހު މެޗުން މޮޅުވާ ޓީމަށް ގްރޫޕް އޭގެ ސެމީ ފަހު ޖާގަ ޔަގީން ކުރެވޭނެއެވެ.
ރޭގެ މެޗުގައި ބީބީ ނިއު ޖެނެރޭޝަންގެ ގޯލްތައް އަހުމަދު ހަމާދު އާއި އަހުމަދު ނަބީލް ޖަހައިދިންއިރު، ހަމާދު ވަނީ ދެ ގޯލް ޖަހައިދީފައެވެ. އަނެއްކޮޅުން އެފްސީ ޔުނައިޓެޑްގެ ހުސައިން ރިޒާމް ހަތަރު ގޯލް ޖެހިއިރު، އޭނާއަކީ މެޗުގެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. ޓީމުގެ އަނެއް ގޯލް ޖަހައިދިނީ ސައްމޫން އިލިޔާސްއެވެ.
ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި އެފްސީ ކޮންފިޑެންސުން ވިދާބަބުޅާ ބަލިކުރީ 12-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗު ކޮންފިޑެންސަށް މުހިއްމު ވެފައި އޮތީ ފުރަތަމަ ކުޅުނު މެޗުން ބަލިވެފައި އޮތުމުން ސެމީގެ އުންމީދު އާކުރުމަށެވެ. އެޓީމަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެ ގްރޫޕްގައި ހިމެނޭ އެފްސީ ލައިކަންވެސް އޮތީ ތިން ޕޮއިންޓާ އެކުގައެވެ. ގްރޫޕް ބީގެ އެއްވެސް ޓީމަކަށް ސެމީ ޔަގީން ވެފައި ނުވާއިރު، ދެ މެޗުން ހަ ޕޮއިންޓާއެކު މިވަގުތު އެއްވަނައިގައި އޮތީ ޓީމު ވާލުއެވެ. ރޭ ވި ބައްޔާއެކު ވިދާބަބުޅާ ވަނީ މުބާރާތުން ކަޓާފައެވެ.
ރޭގެ މެޗުގައި އަލީ މާއިދު އަހުމަދު ކޮންފިޑެންސަށް ފަސް ގޯލް ޖަހައިދީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އެޓީމުގެ އަނެއް ގޯލްތައް ޖަހައިދިނީ އިބްރާހީމް ތަސްލީމާއި މުހައްމަދު ޝާބިން، ހަސަން ރަޝީދުގެ އިތުރުން އަހުމަދު ފިޔާމްއާއި އިސްމާއީލް މަޔާޝްއެވެ. މަޔާޝްއާއި ފިޔާމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދީފައެވެ.
ވިދާބަބުޅާ އިން ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ މޫސާ މުނީޒެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު ދެ މެޗު މިރޭވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި އެފްސީ ޔުނައިޓެޑުން ހޯރަ ކަންމައްޗާ ދެކޮޅަށް ނުކުންނައިރު، ވިދާބަބުޅާ ނުކުންނާނީ ލައިކަންސްއާ ދެކޮޅަށެވެ.
މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާގޮތަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕު އޭގެ އެއްވަނަ ޓީމާއި ގުރޫޕު ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕު އޭގެ ދެވަނަ ޓީމު ކުޅޭ އިރު، މުބާރާތް ކުރިއަށް ގެންދިއުމުގައި އެޗްޕީއޭގެ އުސޫލުތަކާއި މިންގަނޑުތަކަށް ސަމާލުކަން ދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު